ރާއްޖޭގައި އަޅާ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތުގައި އެހީ ހޯދުމަށް، އދ.ގެ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އޭޖެންސީ (އައިއޭއީއޭ)ގައި ބައިވެރިވާން ސަރުކާރުން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީގައި ރާއްޖެ ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ 178 ގައުމު ބައިވެރިވާ އެ އޭޖެންސީގައި މިހާރު މި ސަރަހައްދުން ބައިވެރިނުވެ އޮތީ ރާއްޖެއާއި ބޫޓާން އެކަނި ކަމަށެވެ.
ޒަމީރު ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ކެންސަރު ހޮސްޕިޓަލެއް ވަރަށް އަވަހަށް ހުޅުވައި، ޚިދުމަތް ލިބޭނެ ގޮތް ހެއްދެވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. މިކަމުގައި ލީޑް އެޖެންސީއެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތް ކުރާނީ ދިފާއީ ވުޒާރާއިންކަންވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާ ކޮށްފައެވެ.
ރާއްޖޭގައި ކެންސަރު ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ 2019ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭގެ ފަހުން، ހޮސްޕިޓަލްގެ މަސައްކަތްތައް ކުރުމަށް އިންޑިއާގެ ޓީމެއް ވެސް ވަނީ ރާއްޖެއަށް އައިސްފައެވެ. އެކަމަކު، ދައުރު ހަމަވިއިރު ވެސް އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެއެވެ.



