ރޭސިންގ އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް މިދިޔަ އަހަރު އެޗްޑީސީއަށް ދީފައިވާ ހުއްދަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާތިލުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ގަވާއިދާ ޚިލާފަށް ބާރު ސްޕީޑުގައި ދުއްވާ އުޅަނދުތައް ކޮންޓްރޯލް ކުރުމަށާއި މަގުތަކަކީ ރައްކާތެރިތަނެއްގެ ގޮތުގައި ހެދުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ. އެގޮތުން ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް ރައީސް ވަނީ އިދާރާތަކަށް އަންގަވާފައެވެ.
މިކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް އަންގަވާފައި މިވަނީ ބުރާސްފަތި ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ލައިސަންސް ނެތް މީހަކު ބާރު ސްޕީޑެއްގައި ދުއްވި ކާރަކުން ޖެހި 23 އަހަރުގެ ޒުވާނަކު ނިޔާވި ހާދިސާއާ ގުޅިގެންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމާބެހޭ މުއައްސަސާތަކަށް އެންގެވި ކަންކަމުގެ ތެރޭގައި މިދިޔަ އަހަރުގެ އޮކްޓޮބަރު 19 ގައި ރޭސިންގ އަދި ޑްރިފްޓިންއަށް ހުޅުމާލޭގެ ވަކި ސަރަހައްދެއް ބޭނުންކުރުމަށް އެޗްޑީސީއަށް ދީފައިވާ ހުއްދަ ވަގުތުން ބާތިލް ކުރުން ހިމެނެއެވެ. އަދި މަގުތަކަކީ އެންމެނަށްވެސް އަމާންކަމާއެކު ބޭނުންކުރެވޭނެ ތަންތަންކަމުގައި ހެދުމަށް، ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ޤާނޫނާއި ގަވާއިދުތައް އިސްލާހު ކުރުމަށްވެސް އެމަނިކުފާނު ވަނީ އަންގަވާފައެވެ.

މީގެއިތުރުން ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތައް ވަގުތުން ހުއްޓުވައި، އެ އުޅަނދު ދުއްވި ފަރާތުގެ ލައިސަންސާއި އުޅަނދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ. އަދި ވަކީ ސީސީ (ހޯސްޕަވަރ) އަކުން ފެށިގެން މަތީގެ އެއްގަމު ދުއްވާ އުޅަނދުތައް އާންމު މަގުތަކުގައި ބޭނުން ނުކުރެވޭގޮތަށްވެސް ޤާނޫނާއި ގަވާއިދު އިސްލާހު ކުރެއްވުމަށްވެސް ވަނީ ނިންމަވާފައެވެ.



