ބުރުޒު މަގުގައި ހުރި ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައިގައި ހިމެނޭ ބަންގްލަދޭޝްގެ މީހާގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޖަހަންގީރު އާލަމް 45އ. އެވެ.
ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މައްސަލަ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބުރުޒު މަގުގައި ހުންނަ ހަބީބު ކެފޭ ކައިރީގައެވެ.
މި މައްސަލައިގެ ތުހުމަތުގައި ސެޕްޓެމްބަރު 12 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ޖަހަންގީރު އާލަމް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ގާޟީ ވަނީ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.



