އޭ ޒޯނު ފިޔަވައި އެހެން ޒޯނުތަކުގައި ރަޖިސްޓްރީކޮށް މާލޭ ސަރަހައްދުގައި ދުއްވަމުންދާ އުޅަނދުތައް ގާނޫނާއި ގަވައިދަށް ފެއްތުމަށް ފުރުސަތު ދީފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން މިއަދު ވަނީ ވެހިކަލްތައް ގާނޫނާއި ގަވައިދަށް ފެއްތުމުގެ ފުރުސަތު ދިނުމުގެ މަސައްކަތުގެ ދަށުން ހުޅުމާލޭ 2 ވަނަ ފޭސްގައި ވަގުތީ ގޮތުން ކަނޑައަޅާފައިވާ ސަރަހައްދު (ލޮޓް ނަންބަރު 452 އަށް) އެ އުޅަނދުތައް ގެންދިޔުމަށް އަންގައި، ސްޓިކާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި އުޅަނދުތައް ޕާކުކުރުމަށް ދީފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްއޭސީއެލް ފްލެޓްތަކުގެ ކުރިމަތީ އޮންނަ ހުސް ބިމެކެވެ. އެޗްޑީސީން ވަނީ 40،000 އަކަފޫޓުގެ އެ ހުސް ބިން، މިިދިޔަ މަހުގެ 21 ގައި ޓްރާންސްޕޯޓް މިނިސްޓްރީއާ ހަވާލުކޮޮށްފަ އެވެ.
ފުލުހުން ވަނީ ސްޓިކާ ހަރުކުރެވޭ އުޅަނދުފަހަރުގެ ވެރިފަރާތްތަކުން، އެ ސްޓިކާގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން އުޅަނދުތައް ނެގުމަށް އެދިފަ އެވެ.



