ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ލީޑަރޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ 7 ވަނަ ބެޗް އިއްޔެ ގިރިފުށީގައި ހުންނަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޓްރެއިނިންގ ސެންޓަރުގައި ފަށައިފިއެވެ.
މި ޕްރޮގްރާމަކީ ސްޓެލްކޯގެ މުވައްޒަފުންގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކުރުމަށް ހިންގޭ ޕްރޮގްރާމެކެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ “އެކްސް”ގައި ވިދާޅުވި ގޮތުގައި މި ޕްރޮގްރާމުގައި 51 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މިހާތަނަށް މި ޕްރޮގްރާމުން 368 އަށްވުރެ ގިނަ މުވައްޒަފުންނަށް ތަމްރީނު ދެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް 12 މަސްދުވަހުގެ ތެރޭގައި ހުރިހާ މުވައްޒަފުންނަށް މި ފުރުޞަތު ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ވަނީ އަޒުމް ކަނޑައަޅާފައިވާކަމަށްވެސް ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވި ގޮތުގައި މި ޕްރޮގްރާމަކީ ސްޓެލްކޯގެ ލީޑަރޝިޕް ޤާބިލުކަން އިތުރުކުރުމުގެ ފުޅާ މަޤްޞަދުގެ ބައެކެވެ. އަދި ހުރިހާ ފެންވަރެއްގައިވެސް ވަރުގަދަ ލީޑަރޝިޕެއް އޮތުމަކީ ކުންފުނީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި ކުރިއަށް ގެންދިއުމަށް ކޮންމެހެން ބޭނުންކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ހިންގުމަށް އެހީތެރިވެދެއްވި ސުޕްރީމް ކޮމާންޑަރ ޑރ. މުޙައްމަދު މުޢިއްޒު، ދިފާޢީ ވަޒީރު އަލްއުސްތާޛު މުޙައްމަދު ޣައްސާން މައުމޫން، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ލީޑަރޝިޕަށް ފަހުމީ ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ފަހުމީ ވިދާޅުވި ގޮތުގައި މި ތަމްރީނު ޕްރޮގްރާމުން ފައިދާ ކުރާނީ ހަމައެކަނި ބައިވެރިވާ ފަރާތްތަކަށް އެކަންޏެއް ނޫންކަމަށާއި، ސްޓެލްކޯއަށާއި މުޅި ޤައުމަށްވެސް މީގެ ދެމިގެންވާ ފައިދާ ކުރާނެއެވެ. އަދި މުވައްޒަފުންގެ ކިބައިގައި އިންވެސްޓްކުރުމަކީ ސްޓެލްކޯގެ މުސްތަޤުބަލާއި އެ ކުންފުނިން ޚިދުމަތްދޭ މުޖުތަމަޢުގެ ފުޅާ ދާއިރާގައި އިންވެސްޓްކުރުން ކަމުގައި އޭނާ ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.



