މި ހިނގާ 2024 ވަނަ އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ޖުމްލަ 282 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ އަތުލައިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނެފައިވަނީ ޖެނުއަރީ 1 އިން މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ އިދާރާގެ ޑްރަގް އެންފޯސްމަންޓްއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުގަ އެވެ.
އެގޮތުން އެފަދަ މައްސަލަތަކުގައި 8554 މީހުން ބަލާ ފާސްކޮށްފައިވާއިރު 712 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ޖުމްލަ 113 އޮޕަރޭޝަނެއް ފުލުހުންގެ ޑްރަގް އެންފޯސްމަންޓްއިން ހިންގާފައިވާއިރު 80 ބިދޭސީން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.
ފުލުހުން ބުނީ އެ މުއްދަތުގެ ތެރޭގައި 5252 ފުޅި ބަނގުރާ އަތުލައިގެންފައިވާ ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ބަނގުރަލުގެ ޖުމްލަ މަގުމަތީ އަގު 282,273,651.52 (ދުއިސައްތަ އަށްޑިހަ ދެ މިލިއަން ދެ ލައްކަ ހަތްދިހަ ތިންހާސް ހަ ސަތޭކަ ފަންސާސް އެއް ރުފިޔާ، ފަންސާސް ދެ ލާރި) އަރާ ކަމަށެވެ.
މީގެ އިތުރުންވެސް ފުލުހުންގެ ޑްރަގް އެންފޯސްމެންޓަށް ޖުމްލަ 475 މައްސަލަ ހުށަހަޅާފައިވާއިރު ތަހުގީގު ނިންމާ ދައުވާ ކުރުމަށް 230 މައްސަލައެއް ވަނީ ޕީޖީ އަށް ފޮނުވާފަައިވާ ކަމަށް އެ ހިދުމަތުން މައުލޫމާތު ދިނެވެ.



