މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މ. އަސަރީ ހަނދާން، ތަސްލީމު މުހައްމަދު (43އ) ހޯދަން އިންޓަޕޯލުން މިދިޔަ މަހު ޔެލޯ ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މާލެ އަތޮޅު ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފިނޮޅަކަށް ދަތުރުގޮސް އުޅެނިކޮން ގެއްލުނު ތަސްލީމު ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ ހޯދުމުގެ މަސައްކަތްކުރާތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އޭނާގެ ހިލަމެއް ވެސް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ ތަސްލީމް ގެއްލުނު މައްސަލައިގެ ޔެލޯ ނޯޓިސް މިދިޔަ މަހުގެ 12 ވަނަ ދުވަހު އިންޓަޕޯލުން “ޕަބްލިޝް” ކޮށްފައިވާ ކަމަށެވެ.
މި ނޯޓިސްއަކީ ގެއްލިގެން ހޯދާ މީހުންގެ އޮޕަރޭޝަންތައް ފުޅާކުރުމުގެ ގޮތުން ނެރެވޭ ނޯޓިސްއެކެވެ.
އިންޓަޕޯލް ނޯޓިސްއަކީ ހުރިހާ މެންބަރު ގައުމުތަކަށް ވެސް ފެންނަ ގޮތަށް ޕަބްލިޝްކުރާ ނޯޓިހެއްކަން ފާހަގަކޮށް، ފުލުހުން ބުނީ، ބައެއް ނޯޓިސްތަކަކީ އާންމުންނަށް ފެންނަ ގޮތަށް އިންޓަޕޯލްގެ ވެބްސައިޓުގައި ޕަބްލިޝްކުރާ ނޯޓިހެއް ނޫން ކަމަށެވެ.
މައްސަލަ އާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައި ވަނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 1:20 ހާއިރު ކަމަށެވެ. އަދި ރިޕޯޓު ކުރުމާއެކު ތަސްލީމުގެ އެއްވެސް މައުލޫމާތެއް ލިބޭތޯ ފުލުހުން މަސައްކަތް ފެށި ކަމަށެވެ.
ތަހުގީގާ ގުޅޭ ގޮތުން ފުލުހުން ތަސްލީމުގެ އާއިލާއާ ބައްދަލުކޮށް، މައުލޫމާތު ސާފުކުރުމުގެ އިތުރުން ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު އާއިލާއާ ހިއްސާކުރަމުން އަންނަ ކަމަށް ވެސް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.



