ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފެށޭ ތާރީހު ފަސްކޮށްފިއެވެ.
މާދަމާ މަޖިލިސް ފެށުމަށް ތާވަލުކޮށްފައިވަނިކޮށް މިއަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އެ އިދާރާއިން ފޮނުވި މެސެޖުގައި ބުނެފައިވަނީ މަޖިލިސް ފެށުން ފަސްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހަށް ކަމަށެވެ.
“ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓު ކުރުމަށް އާ ވީޑިއޯ ރޫމެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީވެ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓު ކުރުމުގައި ދަތިތަކެއް ހުރުމުން، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށިގެންދާނީ 14 އޮކްޓޯބަރު ވާ ހޯމަ ދުވަހު ކަމުގައި ދަންނަވަން.” އެ މެސެޖުގައި ބުނެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ނިންމާލައި މެންބަރުން ޗުއްޓީއަށް ދިޔައީ މިދިޔަ އޮގަސްޓް މަހުގެ 22 ގައެވެ.



