ޒިނޭއަކީ އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލު ކަމަށާއި، އެއީ ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލަކަށް ވީ ހިނދު މިފަދަ ޢަމަލުތައް ޢާއްމުވެއްޖެ ތަނެއް މާތްﷲ ހަލާކުކުރައްވާނެ ކަމަށް މިއަދުގެ ޙުތުބާގައި ބުނެފިއެވެ.
ޒިނޭކުރުމާއި ފާޙިޝް ޢަމަލުތަކުގެ ނުބައިކަމުގެ މައްޗަށް ހުކުރު ޙުތުބާގައި އަލިއަޅުވާލައްވާފައި ވާއިރު، ޙުތުބާގައިވަނީ ޒިނޭކުރުމަށް މެދުވެރިވާ ހުރިހާ ކަމަކުން ދުރުހެލިވުމަށް ގޮވާލާފައެވެ.
އެގޮތުން ޙުތުބާގައި ވަނީ މި ޒަމާނުގައި މި ޢަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތިކަމަށް ބުނެފައެވެ. އެގޮތުން މި ޒަމާނުގައި ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް ވެސް ދަނީ އެއްވެސް ޖެހިލުމެއް ނެތިއެވެކަމަށް ބުނެފައި ވެއެވެ.
މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. “އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކަމުގައި ވިއެވެ. އަދި މަގެއްގެ ގޮތުން އެ ކަންތައް ހާދަހާ ނުބައިވެގެންވެއެވެ.”
ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެ، ޢާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވެއެވެ. އަދި މިއީ ޙައްދު ކަނޑައެޅިފައިވާ ކުށެއް ކަމަށްވެސް ހަނދާންކޮށްދެއްވިއެވެ.
އަދި ބައެއް މީހުން ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ އަނބިދަރީންނާ އެކު ޒިނޭކުރުމަށް ފަހަތަށް ނުޖެހޭ ކަމަށާއި، މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، މިފަދަ ޢަމަލެއްގައި ވަނިކޮށް މަރުވުމަކީވެސް އެކަށީގެންވާ ކަމެއްކަން ހަނދާންކޮށްދެއްވިއެވެ.
“ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުގައިވާ ގޮތުން ޒިނޭކުރާ ވަގުތަކީ މުސްލިމު އިންސާނާގެ ހިތުން އީމާންކަން ނިގުޅައިގަނެވޭ ވަގުތެކެވެ,” ޙުތުބާގައި ބުނެފައި ވެއެވެ.
ނަމަވެސް، ތައުބާވެ ހެޔޮ ޢަމަލުކުރާ މީހުންގެ ތައުބާ ﷲ ޤަބޫލު ކުރައްވާނެކަމަށާއި، ޒިނޭކުރުމަށް ހުށަހެޅޭ ވަގުތު އެ ކަމުން ދުރުވެގެންފި މީހާއަށް ޤިޔާމަތް ދުވަހު ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެކަން ޚަޠީބު ހަނދާންކޮށްދެއްވިއެވެ.



