އިސްރާއީލުން ލުބުނާނުގެ ދެކުނުގައިވާ ނަބަތިއެހް ސިޓީގެ މުނިސިޕަލް އިމާރާތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާއެއްގައި 16 މީހުން މަރުވެއްޖެއެވެ.
މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެ ސިޓީގެ މޭޔަރުވެސް ހިމެނެއެވެ. އަދި 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާއިރު، މިއީ އިސްރާއީލުގެ ވައިގެ ހަމަލާތައް ފެށުނު ފަހުން ލުބުނާނުގެ ރަސްމީ ދައުލަތުގެ އިމާރާތަކަށް ދެވުނު އެންމެ ބޮޑު ހަމަލާއެވެ.
ލުބުނާނުގެ ވަގުތީ ބަންޑާރަ ނައިބު ނަޖީބް މިކާތީ ވިދާޅުވީ މިއީ ހިޒްބުއްލާއާ ދެކޮޅަށް އިސްރާއީލުން ފަށާފައިވާ ހަމަލާތައް މިހާރު ލުބުނާނުގެ ދައުލަތަށް އަމާޒުކުރަން ފަށާފައިވާކަމުގެ ހެއްކެއް ކަމަށެވެ. އިސްރާއީލުގެ ހަމަލާތަކުން ތަނުން ބަދަލުވެފައިވާ މީހުންނަށް އެހީތެރިވުމަށް ބޭއްވުނު މުނިސިޕަލް ކައުންސިލްގެ ބައްދަލުވުމަކަށް ގަސްތުގައި އަމާޒުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްރާއީލުން ސީރިއާގެ ލަތަކިއާ ބަނދަރަށްވެސް ހަމަލާދީފައިވާ ކަމަށް ސީރިއާގެ ސަރުކާރުގެ ނިއުސް އޭޖެންސީ ސާނާއިން ރިޕޯޓުކޮށްފައިވެއެވެ. އަލިފާން ނިއްވާ ބައިގެ މީހުން މިހާރު އަނދަމުންދާ އަލިފާންތައް ނިއްވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސާނާއިން އިތުރުކޮށްފައިވެއެވެ.
ލުބުނާނުގައި ހުރި އދ.ގެ މިޝަން (ޔުނިފިލް) އިން ބުނެފައިވަނީ ބުދަ ދުވަހުގެ ހެނދުނު ދެކުނު ލުބުނާނުގެ ކަފަރް ކެލާ ކައިރީގައިވާ އެމީހުންގެ ވޮޗް ޓަވަރަކަށް އިސްރާއީލުގެ ޓޭންކަކުން ހަމަލާދިން މަންޒަރު އެމީހުންގެ ސުލްހަވެރި ބައިވެރިންނަށް ފެނުނު ކަމަށެވެ. މި ހަމަލާގައި ދެ ކެމެރާ ހަލާކުވެ، ޓަވަރަށް ގެއްލުން ލިބުނު ކަމަށް ޔުނިފިލްއިން ބުނެފައިވެއެވެ.



