މެލޭޝިއާއިން ރާއްޖެ އައި އިންޑިއާގެ ދެ ރައްޔިތެއްގެ ލަގެޖުން 2.05 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން ހާމަކުރިިގޮތުގައި މި މަސްތުވާތަކެތި އަތުލައިގެންފައި ވަނީ އޮކްޓޯބަރު 15 ވަނަ ދުވަހުއެވެ.
އަދި މި ދެ ފަސިންޖަރުންނަކީ 41 އަހަރުގެ ފިރިހެނަކާއި 38 އަހަރުގެ އަންހެނެއް ކަމަށާއި، އެ ދެ ފަރާތުގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުމާ ގުޅިގެން، އެ ތަކެތި ތަޙުލީލުކުރުމުން ހެރޮއިންގެ ގޮތުގައި ކަށަވަރުވެފައިވާކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 2.05 ކިލޯއެވެ. މީގެ މަގުމަތީ އަގު 2,050,000 ރުފިޔާ (ދެ މިލިއަން ފަންސާސް ހާސް ރުފިޔާ) އަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.
މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދެ ފަސިންޖަރުން މިހާރު ދިވެހި ފުލުހުންގެ ޚިދުމަތާ ޙަވާލުކޮށްފައިވާކަމަށް ކަސްޓަމްސައިން ވަނީ ބުނެފައެވެ.



