ވޭޕް އެތެރެކުރުން މަނާކުރާ ތާރީޚާ ހަމައަށް، އެ ބާވަތްތަކުންނާއި ސިނގިރޭޓުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ހުށަހެޅި ބިލު މިއަދު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފިއެވެ.
މި ބިލު މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުޙައްމަދެވެ.
މަޖިލީހުގެ ޖަލްސާގައި ބަހުސްކުރުމަށްފަހު، 71 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެން ބިލު ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވާފައިވެއެވެ. މި ބިލުގެ ދަށުން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުގެ ޑިއުޓީ 200 ޕަސެންޓަށް، އަދި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 ޕަސެންޓަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 15 ނޮވެމްބަރު 2024 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާކުރުމަށް ނިންމަވާފައެވެ.
ރައީސް އެކްސްގައި އެކަން އިއުލާންކުރެއްވުމަށް އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.



