ޣައްޒާގައި އިސްރާއީލުން ދެމުންދާ ވައިގެ ހަމަލާތަކުގައި އާދީއްތަ ދުވަހު 5 ނޫސްވެރިން ޝަހީދުވެއްޖެކަމަށް ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފިއެވެ.
މި ހަމަލާތަކުގައި ޝަހީދުވި ނޫސްވެރިންގެ ތެރޭގައި އަލް-އަޤްސާ ޓީވީ، ސަނަދު ނިއުސް އޭޖެންސީ އަދި އަލް-ޤުދުސް ފައުންޑޭޝަން ފަދަ ތަފާތު މީޑިއާ އިދާރާތަކުގެ ނޫސްވެރިން ހިމެނެއެވެ.
ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާތަކަކީ ފަލަސްތީނުގެ ނޫސްވެރިންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ “މިސާލަކަށް ދެއްކޭނެ ކުށްތަކެއް” ކަމަށެވެ. އަދި މި ކުށްތައް ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށާއި، މިފަދަ ހަމަލާތަކުން ފަލަސްތީނުގެ ނޫސްވެރިން ބިރުނުގަންނާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޣައްޒާގައި ނޫސްވެރިންނާ ދެކޮޅަށް ހިންގަމުންދާ މިފަދަ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ. އަދި ފަލަސްތީނުގެ ނޫސްވެރިން މަރާލުމާއި ބަދަލުހިފުމުގެ އަމާޒަކަށް ހަދާފައިވާ އިސްރާއީލުގެ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން އަޅާނެ ފިޔަވަޅުތަކާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އިސްރާއީލުން މިހާތަނަށް މިކަމާ ގުޅޭގޮތުން އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.



