ބޮލީވުޑްގެ މަޝްހްހޫރު އެކްޓަރު އަރްޖުން ކަޕޫރު މަލައިކާ އަރޯރާއާ ގުޅުން ކަނޑާލުމަށްފަހު މިހާރު ސިންގަލްކަން އިއުލާނުކޮށްފިއެވެ. އޭނާ މިކަން ހާމަކޮށްފައިވަނީ މުމްބާއީގައި ބޭއްވުނު ދިވާލީ ހަފްލާއެއްގައެވެ.
ރާޖް ތާކްރޭ ހޯސްޓްކުރި މި ހަފްލާގައި އަރްޖުން ވާހަކަދައްކަމުން ދަނިކޮށް، ބައިވެރިން މަލައިކާގެ ނަން ގޮވަން ފެށުމުން އަރުޖުން ވަނީ އޭނާ މިހާރު ސިންގަލްކަމަށް ބުނެފައެވެ.
“އަބީ ސިންގަލް ހޫން މޭ، ރިލެކްސް (އަހަރެން މިހާރު ސިންގަލް).” އަރުޖުން ބުނެފައިވެއެވެ.
މީގެ މަހެއްހާ ދުވަސް ކުރިން އަރްޖުން އާއި މަލައިކާ ވަކިވި ކަމުގެ އަޑުތައް ފެތުރުނެވެ. އެހެންނަމަވެސް މިދިޔަ ސެޕްޓެމްބަރު މަހު އަރްޖުންގެ ދޮން ބައްޕަ އަނިލް މެހެތާ ނިޔާވުމާއި ގުޅިގެން އަރްޖުން މަލައިކާ އާއެކު ޖަނާޒާގައި ފެނުނެވެ.
މިކަމުން ގިނަ ބަޔަކު ލަފާކުރީ އެ ދެމީހުންގެ ގުޅުން އަލުން ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް މި ދިވާލީ ހަފްލާގައި އަރްޖުން ދެއްކި ވާހަކައިން އެ ދެމީހުންގެ ގުޅުން ނިމުމަކަށް އައިސްފައިވާކަން ކަށަވަރުވެއެވެ.
ދާދި ފަހުން “ހެލޯ!” މަޖައްލާއަށް ދިން އިންޓަވިއުއެއްގައި މަލައިކާ ވަނީ ލޯތްބާއި ގުޅުންތަކާ ބެހޭ ގޮތުން އޭނާގެ ޚިޔާލުތައް ހާމަކޮށްފައެވެ. އޭނާ ބުނެފައިވަނީ އޭނާއަކީ ހިތުން ރޮމޭންޓިކް އަދި ޕްރެކްޓިކަލް މީހެއް ކަމަށާއި، ހަގީގީ ލޯބީގެ ޚިޔާލު ދުވަހަކުވެސް ދޫކޮށްނުލާނެ ކަމަށެވެ.
ޕްރޮފެޝަނަލް ގޮތުން ބަލާއިރު އަރްޖުން ވަރަށް އަވަހަށް ފެނިގެންދާނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު ރިލީޒްކުރާ ރޯހިތު ޝެޓީގެ “ސިންގަމް އެގެއިން” ފިލްމުގައި ބަތަލާ ޑެންޖާ ލަންކާގެ ރޯލުންނެވެ.



