ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޒީރުންގެ މަޖިލީހަށް ގެންނެވި ބަދަލަށް މަޖިލީހުން ރުހުންދީފިއެވެ.
ސަރުކާރުން ގެނައި ބަދަލާއެކު ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި މޫސާ ޒަމީރު ފިނޭންސް މިނިސްޓަރުގެ މަގާމަށް، ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. އަބްދުالله ހަލީލު ފޮރިން މިނިސްޓަރަކަށް އަދި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެސިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމު ފުރުއްވަމުން ގެންދެވި އަބްދުﷲ ނާޒިމް އިބްރާހިމް ހެލްތު މިނިސްޓަރަކަށް އައްޔަންކޮށްފައިވެ އެވެ.
މި މަހުގެ 14 ވަނަ ދުވަހު ރައީސް ވަނީ ވަޒީރުންގެ މަޖިލީހަށް ގެނައި ބަދަލާ މެދު ގޮތެއް ނިންމުމަށް މަޖިލީހަށް ހުށަހަޅައިފައެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ އިއްތިފާގުން ވަނީ ތިން ބޭފުޅުންނަށް ވެސް ރުހުން ދޭން ނިންމައިފައެވެ.
މިއަދުގެ ޖަލްސާގައި ވަކި ވަކި ވޯޓަށް އަހާފައިވާއިރު މިނިސްޓަރު ހަލީލާއި މިނިސްޓަރު ޒަމީރު އަދި މިނިސްޓަރު ނާޒިމަށް ރުހުންދޭން ފެންނަ ކަމަށް 86 މެންބަރުންގެ އިއްތިފާގު ފާސްކޮށްފައިވެ އެވެ.



