ޕީއެންސީގެ އެތެރޭގެ އިންތިހާބު ދެވަނަ ފަހަރަށް ފަސްކުރަން އެ ޕާޓީން ނިންމައިފިއެވެ.
އެޕާޓީގެ އިންތިހާބު ބޭއްވުމަށް އެންމެ ފުރަތަމަ ނިންމާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން ވަނީ މިމަހުގެ 9 އަކަށް އިންތިހާބު ފަސްކޮށްފައެވެ.
ޕީއެންސީން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ، އެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
އެ ވޯޓު ފަސްކޮށްފައިވަނީ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެމްބަރު 11 ވާ ހޯމަ ދުވަހާއި ގުޅިގެން މިމަހުގެ 10 ވާ އާދިއްތަ ދުވަސް އެއީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ހަމަޖެއްސެވުމާއި ގުޅިގެން އެ ހަފްތާ ބަންދުގައި ގިނަ ބަޔަކު ރަށުން ބޭރަށް ދަތުރު ކުރުމަށް ހަމަޖެހިފައިވުމާއެކު މިމަހުގެ 9 ވާ ހޮނިހިރު ދުވަހު ވޯޓުލުމުގައި މެމްބަރުންނަށް ތަކުލީފުތައް ކުރިމަތިވާނެތީ، ކެނޑިޑޭޓުންނާއި މެމްބަރުންގެ އެދުމުގެ މަތިން ކަމަށެވެ.
ޕީއެންސީން ބުނީ، ދާއިރާތަކުގެ އިންތިހާބުގެ ވޯޓު ނަގާ ތާރީހު ބަދަލުވުމާއި ގުޅިގެން އިންތިހާބު ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްރަށް އަދި ކެނޑިޑޭޓުންގެ ނަންތައް އަދި ވޯޓު ލެވޭ މީހުންގެ ލިސްޓު މިމަހުގެ 10 ގައި އާންމު ކުރާނެ ކަމަށެވެ.



