ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޤާނޫނުލްޢުޤޫބާތަށް ގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތުގެ ތެރޭގައި އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އިސްލާހެއް ކަމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރ “އެކްސް” ގައި ރައީސްގެ ޕޯސްޓް ޝެއާކުރައްވަމުން ވިދާޅުވީ މިހާރު އޮތް ޤާނޫނުގައި މި މާއްދާ ލިޔެފައި އޮތީ މިވާހަކަ ގަދަޔަށް ދައްކާފައި އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ނުކުރެވޭ ގޮތަށް ކަމަށާއި، ދަޢުވާކޮށްފިއްޔާ ސާބިތު ނުވާގޮތަށް އަދި ކަންކުރުމުގެ ނިޔަތް ނެތި ލިޔެފައި އޮތް މާއްދާއެއްގެ ގޮތުގައި ކަމަށެވެ.
އަދި ރައީސް މުޢިއްޒު ގެންނަވަން ނިންމެވި އިސްލާހަކީ ދައުލަތުގެ ތެރޭގައި އޮތް ޒަމާންވީ ކޮރަޕްޝަންގެ މައްސަލަ ހައްލުކުރެވޭނެ އަދި އެ ނިޔަތާއި އަޒުމް ފެންނަ އިސްލާހެއްކން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ބުރާސްފަތި ދުވަހު ރައީސް މުއިއްޒު “އެކްސް”ގައި ކުރެއްވި ޕޯސްޓްގައު ވިދާޅުވެފައިވަނީ، ޤާނޫނުލްޢުޤޫބާތުގެ 515 ވަނަ މާއްދާއަށް ގެނެވޭ އިސްލާހުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާއާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ފަނޑިޔާރުން ހިމެނޭގޮތުން، ދައުލަތުގެ މުވައްޒަފުންނާއި ދައުލަތުގެ މުވައްޒަފެއްގެ މަޤާމު އަދާކޮށްފައިވާ ފަރާތްތަކުން ހޯދަމުންދާ ނުވަތަ ހޯދާފައިވާ ނުޙައްޤު މުއްސަނދިކަމުގެ މައްސަލަތައް ބެލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
މީގެއިތުރަށް ރައީސް ވިދާޅުވީ ދައުލަތުގެ އިދާރާތަކުގެ ތެރޭގައި އަށަގެންފައިވާ ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދުމުގެ މައްސަލަތައް ތަހްގީގުކޮށް، ދަޢުވާކުރުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް ގެންނަންޖެހޭ އިސްލާހުތައް މިފެށޭ ހަފްތާގައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.



