ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މާލޭ ސިޓީ ކައުންސިލުން ގާއިމްކުރާ ވަގުތީ ބުޅާ ފެސިލިޓީ “އޮޅު ހިޔާ” މިއަދު ހުޅުވައިފި އެވެ.
މި ފެސިލިޓީ ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި 5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކުރި މި ފެސިލިޓީގެ މަސައްކަތް ފެށީ މިދިޔަ މާޗު މަހު އެވެ.
ބުޅާ ފެސިލިޓީ ހުޅުވާދެއްވުމަށް މިއަދު ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ މަޝްރޫއުއަކީ އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއް ކަމަށެވެ.
ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެމަޝްރޫއު ކުރިއަށް ނުގެންދެވުނީ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ރައީސް ވަނީ މިސަރުކާރަކީ ރައްޔިތުންގެ ސަރުކާރެއް ކަމަށާޢި، އަދި ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް ޙައްލުކޮށްދޭން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން މިހާރުވެސް މަސައްކަތްތައް ބައްޓަންކޮށްފައިވަނީ އެ މަގުންކަމަށް ރައީސް ވިދާޅުވިއެވެ.
“އޮޅު ހިޔާ” އަކީ މާލެ ސަރަހައްދުގެ ޕާކުތަކާއި މަގުމަތީގަ އާއި އަދި އެ ނޫންވެސް ޢާންމުން އެއްވެ އުޅޭ ސަރަހައްދުތަކުގައި ބުޅާ ގިނަވެ، އެ ބުޅާތަކަށް ލިބެމުންދާ އަނިޔާތަކާއި އަދި ތަފާތު ބަލިތައް ޖެހުމުން ސަލާމަތްކޮށް، ބުޅާތައް ދިރިއުޅޭނެ ރައްކާތެރި މާހައުލެއް ޤާއިމުކުރުމަށާއި އާންމު ތަންތަނުގައި ބުޅާ ގިނަވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން އާންމު ސިއްޙަތު ރައްކާތެރި ކުރުމުގެ ބޭނުމުގައި ހެދި ފެސިލިޓީއެކެވެ.
މި މަޝްރޫއުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގައި ޕެޓްކެއާ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތައް ތަންފީޒުކުރުން ހިމެނެއެވެ.



