ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި، 2024 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު ދިރާސާކުރުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހަށް ނިންމުމަށް ވަނީ ފާސްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު ހުށަހެޅުއްވި ހުށަހެޅުމަކަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާޢު ތާއީދުކުރައްވާ، ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ.
މީގެ އިތުރުން، އޮޑިޓަރ ޖެނެރަލްއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ބަޖެޓާ މެދު ދެކޭގޮތުގެ ޚުލާޞާ ބަޔާނެއް ބަޖެޓު ފާސްކުރުމުގެ ކުރިން ހުށަހެޅުމަށްވެސް ވަނީ ފާސްކޮށްފައެވެ.
ސަރުކާރުން ހުށަހަޅާފައިވާ 2024 ވަނަ އަހަރުގެ ބަޖެޓަކީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޖުމްލަ ޚަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 49.2 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 35.9 ބިލިއަން ރުފިޔާއަކީ ރިކަރަންޓް ޚަރަދު ކަމަށްވާއިރު، 13.3 ބިލިއަން ރުފިޔާއަކީ ކެޕިޓަލް ޚަރަދެވެ.
މިއަދުގެ ބައްދަލުވުމުގައި ބަޖެޓު ކޮމިޓީގެ މުޤައްރިރުކަމަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަވާޒު އަދި ނައިބު މުޤައްރިރުކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހޮވިވަޑައިގެންފައިވެއެވެ.



