ދިއްފުށި ކައުންސިލް ފުޓްސަލް ފިއެސްޓާ 2024ގެ ފިރިހެން ޑިވިޝަންގައި ރޭ ކުޅުނު މެޗުގައި ސެވަން ސްޓާރ، ސަތޯރާއާ ދެކޮޅަށް ނުކުމެ 4-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ މިނެޓުގެ ތެރޭގައި ސަތޯރާގެ ޖާޒީ ނަންބަރު 21، މުހައްމަދު ފާލިލް ވަނީ އެންމެ ފުރަތަމަ ގޯލު ޖަހާ ލީޑު ހޯދާފައެވެ.
ނަމަވެސް، 12 ވަނަ މިނެޓުގައި ސެވަން ސްޓާރގެ ޖާޒީ ނަންބަރު 11، އިބްރާހިމް މާއިޝް ވަނީ އެ ޓީމަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދީ އެއްވަރުކޮށްދީފައެވެ. އަދި މާ ގިނަ އިރެއް ނުވެ މާއިޝްގެ ދެވަނަ ލަނޑާއެކު ސެވަން ސްޓާރ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ.
ދެވަނަ ހާފުގައި ސެވަން ސްޓާރގެ ޖާޒީ ނަންބަރު 7، ރިލްވާން ރަޝީދު ވަނީ ދަނޑުގެ މެދެއްހާ ހިސާބުގައި ހުރެފައި ބޯޅަ ސީދާ ގޯލަށް ފޮނުވާލައިގެން އެ ޓީމަށް ތިންވަނަ ގޯލު ހޯދައިދީފައެވެ. އަދި މެޗުގެ ހަތަރުވަނަ ގޯލުވެސް ސެވަން ސްޓާރއަށް ކާމިޔާބުކޮށްދިނީ ރިލްވާނެވެ.
ސަތޯރާގެ ދެވަނަ ގޯލު ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައި ޖާޒީ ނަންބަރު 7، ނަޖާހް އިސްމާއިލްއެވެ.
މި މެޗުގައި ސެވަން ސްޓާރގެ ޝަމީމަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މި މެޗުގެ “މޭން އޮފް ދަ މެޗް” އަށް ހޮވިފައިވަނީ ސެވަން ސްޓާރގެ ރިލްވާނެވެ.



