އަރުޝީފުކުރުމާއި ރެކޯޑް މެނޭޖްކުރުމުގެ ދާއިރާއިން އެހީތެރިވުމާއި އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެވުނީ ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ބޭއްވުނު “އަރކައިވްސް އިން ދަ ޑިޖިޓަލް އޭޖް” ކޮންފަރެންސްގެ ތެރެއިންނެވެ.
މި އެއްބަސްވުމުގެ ދަށުން އަރުޝީފުކުރުމާއި އަރުޝީފީ ތަކެތި އިންޑެކްސްކުރުމާއި، ރައްކާތެރިކޮށް ބެލެހެއްޓުމާއި، ފޮޓޯއާއި ޗާޓު އަދި އޯޑިއޯވިޒުއަލް ތަކެތި ބެލެހެއްޓުމުގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި އެއްބާރުލުން އިތުރުކުރެވޭނެއެވެ. މީގެ އިތުރުން، ދުވަސްވީ ތަކެއްޗަށް ފަރުވާދީ ބޭނުންކުރެވޭ ހާލަތަށް ގެނައުމާއި މި ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މަސައްކަތްތައްވެސް ހިމެނެއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޢާމިރު އަޙްމަދެވެ. ސައޫދީ އަރަބިއްޔާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސެންޓަރ ފޮރ އަރކައިވްސް އެންޑް ރެކޯޑްގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ފައިޞަލް ޢަބްދުލްޢަޒީޒު ތަމީމީ އެވެ.
މި އެއްބަސްވުމަކީ ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ އިސްވެރިންގެ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް އާމިރު ސައޫދީ އަރަބިއްޔާގެ ރިޔާޒަށް ކުރެއްވި ދަތުރުގެ ތެރެއިން ދެ އިދާރާގެ ދެމެދުގައި ޤާއިމުވި ގުޅުންތަކުގެ މައްޗަށް އެކުލަވާލެވުނު އެއްބަސްވުމެކެވެ. މި ރަސްމިއްޔާތުގައި ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު އަޙްމަދު ސަރީރާއި، އިންޓަރނޭޝަނަލް ކައުންސިލް އޮން އަރކައިވްގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި އެއްބަސްވުމުގެ ސަބަބުން އަރުޝީފުކުރުމުގެ ސަގާފަތާއި ޒަމާނީ ގޮތްތަކާއި ކޮންސެޕްޓްތަކާއި ޓެކްނޮލޮޖީތަކާ ބެހޭ ގޮތުން އާ އިލްމާއި ތަޖުރިބާ ހިއްސާކުރުމަށާއި ސްޕެޝަލިސްޓުން ތަމްރީނުކުރުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.



