މިދިޔަ އަހަރުގެ ފިތުރު އީދަށް ލައިޓް ނުލިބޭ 36 ރަށަކަށް މި އަހަރު ލައިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ޕްރެސްގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ އީދާ ދިމާކޮށް ކުރިއަށް ގެންދާ “ޢީދު އަލި” ހަރަކާތް މިއަހަރު ވެސް ކުރިއަށް ގެންދާ ރަށްތައް ކަނޑއަޅާފައި ވަނީ އާބާދީގެ ނިސްބަތަށް ބަލައިގެން ކަމަށެވެ.
“މިދިޔަ ފަހަރު އަޅުގަނޑުމެންނަށް ލައިޓުތައް ފޮނުވުނީ މައިގަނޑުގޮތެއްގައި އަތޮޅުވެރިކަން ކުރާ ރަށަށް. އޭގެ އިތުރުން މިފަހަރު އަޅުގަނޑުމެން ކޮންމެ އަތޮޅަކުން ވެސް ދެ ރަށަކަށް އީދު ލައިޓު އެބަ ފޮނުވަން،” މިނިސްޓަރު ވިދާޅުވި އެވެ. ” އައްޑު އާއި ފުވައްމުލަކުގެ ވަކި ރަށްތަކަށް ކުރިން ވަނީ ލައިޓުތައް ފޮނުވާފައިވާތީ ދެން ހުރި އަތޮޅުތަކުން 36 ރަށަކަށް ލައިޓް އެބަ ހަދިޔާކުރަން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން.”
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ތަހުޒީބު، ރީއްޗަށް ލޯބިކުރާ ބަޔަކު އުޅޭ ތަނެކެވެ. އަދި އީދުގެ އުފާވެރިކަމާއި ހިތްހަމަޖެހުން ވަރަށް ބޮޑަށް ބޭނުންވާ ބައެއް ކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖެއަށް ގެންނަ އީދު ލައިޓުތަކަކީ އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުން ކަހަލަ ކަންކަން ވެސް ހިމެނޭ ލައިޓުތަކެއް ކަމުން، އެކަމަކީ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަން ހާމަވާ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާ އެއްގޮތަށް އީދަށް މާލެ ސަރަހައްދުގެ ރަށްތައް ދިއްލާލުމަށް ކުރިއަށްގެންދާ މިހަރަކާތުގައި މިދިޔަ އަހަރު މާލޭގެ އިތުރުން ކުރިއަށްގެން ދިޔައީ ކޮންމެ އަތޮޅެއްގެ ވެސް ވެރިކަންކުރާ ރަށުގައެވެ. ސިޓީތަކާއި އަތޮޅު ވެރިކަން ކުރާ ރަށްތައް ގިޑިގެތަކާއި ކުލަބޮކިތަކުން ދިއްލާލައިފައެވެ.



