ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ދިނުމަށް އެކުލަވާލި އުސޫލު ނިމިފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އަރޓްސް އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މީޑިއާތަކުގެ އެޑިޓަރުންނާއި ވެރިންނާއެކު ބައްދަލުކުރައްވައި މީޑިޔާތަކާއި ގުޅުންހުރި ކަންކަން މަޝްވަރާ ކުރެއްވުމަށް އިއްޔެ ބޭއްވި “ހައި-ޓީ” އެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަވަހަށް ހުޅުވާލެވޭނެ ކަމަށެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ ގިނަ މީޑިއާތަކެއްގެ އިސްވެރިން ބައިވެރިވިއެވެ.
މިނިސްޓަރ ވަހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަކީ މުހިންމު ކަމެކެވެ. އަދި ރަޖިސްޓްރީ ކޮށްފައިވާ ނޫސް މަޖައްލާތައް ރީބްރޭންޑް ކުރާއިރު، އެ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރުމަށް އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން، މިނިސްޓަރ ވަހީދު ހާމަކުރެއްވި ގޮތުގައި ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް މިހާރު ދަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ތެރެއިން ކުރިއަށެވެ.
މި ބައްދަލުވުމުގައި މީޑިއާތަކުގެ ފަރާތުން ދިމާވާ ގޮންޖެހުންތަކާއި، ކުރިމަގުގައި މީޑިއާގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.



