ދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މެންދުރު ފުރާވަޑައިގެންފިއެވެ. މިއީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި މި ދަތުރުފުޅުގައި ރައީސް، އެ އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެއެވެ. މީގެއިތުރުން ރަށްރަށުގެ ތަރައްގީއަށް ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާހު ކުރެއްވުންވެސް ހިމެނެއެވެ.
ރައީސް އޮފީހުން ފާހަގަކުރެއްވި ގޮތުގައި މި ދަތުރުފުޅަކީ އެމަނިކުފާނުގެ ވަޢުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ދެފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށްގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ. ރައީސް މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.



