ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން ވަނީ ބަދަލު ގެނެސްފައެވެ. މި ބަދަލާއެކު، ކުރިން ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް މިހާރު ހިއްކާފައިވާ ސަރަހައްދުން ގޯތި ލިބިގެންދާނެއެވެ.
“އިރާދަކުރެއްވިއްޔާ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށްވެސް މިހާރު ހިކިފައި އޮތް ބިމުން ގޯތި ހަމަޖެހިގެންދާނެ،” ރައީސް ވިދާޅުވިއެވެ.
އައު ލޭންޑް ޔޫސް ޕްލޭންގައި ހޮސްޕިޓަލާއި އެހެނިހެން އަސާސީ ވަސީލަތްތައް ޤާއިމްކުރުމަށް ވަނީ ހިމަނާފައެވެ. ނަމަވެސް، ބްރިޖުގެ މަސައްކަތަށް ބަންދުކޮށްފައިވާ ސަރަހައްދުން ގޯތި ލިބިފައިވާ ފަރާތްތަކަށް މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ދޫނުކުރެވޭނެކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ގުޅިފަޅުގެ އައު ލޭންޑް ޔޫސް ޕްލޭންގައި ބިމުގެ 21 އިންސައްތަ ވަނީ ޕާކުތަކާއި ގްރީން ސްޕޭސްތަކަށް ޚާއްޞަކޮށްފައެވެ. އަދި ސްކޫލުތައް ހުންނާނީ މީހުން ދިރިއުޅޭ ސަރަހައްދުތަކުން 10 މިނެޓުން ހިނގާފައި ދެވޭވަރުގެ ދުރުމިނެއްގައެވެ. މިސްކިތްތައް ހުންނާނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ 5 މިނެޓުގެ ދުރުމިނެއްގައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުރީގެ ސަރުކާރުން ގުޅިފަޅުން 7 ސައިޒެއްގެ ޖުމުލަ 3,520 ގޯތި ވަނީ ދޫކޮށްފައެވެ. އަދި އައު ލޭންޑް ޔޫސް ޕްލޭންގައި މުޅި ގުޅިފަޅުގައި 70,000 ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދު ހިމެނިފައިވެއެވެ.



