އޮޕަރޭޝަން ކުރަނގީގެ ޚާއްސަ ހަރަކާތެއް މާލެ ނޯތު ހާބަރު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ދާޚިލީ ވުޒާރާއިން ހާމަކޮށްފިއެވެ. އެގޮތުން ދަ ޝޮޓް ހާބަރ ރެސްޓޯރަންޓް ސަރަހައްދުގައި ކުރިއަށްދާ މި ހަރަކާތް ފެށޭނީ މިއަދު މެންދުރުފަހު 2 ޖަހާއިރު ކަމަށާއި، މިރޭ 10 ޖަހަންދެން މި ހަރަކާތް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން މާލެ ނޯތު ހާބަރު ސަރަޙައްދާއި، ލޯކަލް މާރުކޭޓް އަދި އަތޮޅު ފިހާރަތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވުމަށް ވަޒީފާދޭ ފަރާތްތަކަށް ދާޚިލީ ވުޒާރާއިން ވަނީ ޚާއްސަ އިލްތިމާސްއެއް ކޮށްފައެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ދަށުން “އޮޕަރޭޝަން ކުރަނގި” ފަށާފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަންގެ އެންމެ މުހިންމު އެއް މަޤްޞަދަކީ ރާއްޖޭގައި މަސައްކަތްކުރާ އެންމެހައި ބިދޭސީންނަކީ ޤާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ.



