އާރުޓީއެލް ފެރީ ނިޒާމާ ގުޅިގެން ޚިދުމަތްދިނުމަށް ހެދިފައިވާ ފެރީ ސްޕޮޓްތަކާއި ޓާމިނަލްތައް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއާ މިއަދު ހަވާލުކޮށްފިއެވެ.
މި ތަންތަން ހަވާލުކުރެވުނީ ވިލާ ކޮލެޖުގެ ހޯލުގައި ބޭއްވުނު ޚާއްޞަ އިހުތިފާލެއްގައެވެ. މި ރަސްމިއްޔާތުގައި ފެރީ ސްޕޮޓްތަކާއި ޓާމިނަލްތައް ހަވާލުކުރުމުގެ ރަސްމީ ލިޔުމުގައި ތިން ފަރާތަކުން ސޮއިކުރިއެވެ. އެގޮތުން، ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ފާޠިމަތު ޝަހާން މުޙައްމަދު، އެމްޓީސީސީގެ ފަރާތުން ޖެނެރަލް މެނޭޖަރ ޢަލީ ފާޠިޙު، އަދި ސިޓީތަކާއި އިދާރީ ދާއިރާތަކުގެ ވުޒާރާގެ ފަރާތުން ޕާމަނަންޓް ސެކްރެޓަރީ ޑރ. ފާޠިމަތު މުނާ ސޮއިކުރެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ހަވާލުކޮށްފައިވަނީ ޒޯން 1 ގައި ހިމެނޭ ހއ. އަތޮޅު، ހދ. އަތޮޅު އަދި ށ. އަތޮޅުގައި ޤާއިމުކޮށްފައިވާ 21 ފެރީ ސްޕޮޓާއި ޓާމިނަލެވެ. މި ތަންތަން ކައުންސިލްތަކާ ހަވާލުކުރުމުން، އެ ތަންތަނުގެ ބެލެހެއްޓުމާއި މާލީ މަންފާ ކައުންސިލްތަކަށް ލިބިގެންދާނެކަމަށް ވުޒާރާއިން ބުނެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވި ގޮތުގައި، މި ތަންތަން ކައުންސިލްތަކާ ހަވާލުކުރުމަށް ނިންމާފައިވަނީ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅި ޚިޔާލުތަކާ ގުޅިގެންނެވެ. އަދި ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި އިޖުރާއަތުތައް ފުރިހަމަކޮށް ކައުންސިލްތަކާ ހަވާލުކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު އާރުޓީއެލް ފެރީގެ ޚިދުމަތް ދެމުން ގެންދަނީ ރާއްޖޭގެ 9 އަތޮޅެއްގެ މީހުން ދިރިއުޅޭ 81 ރަށަކަށާއި، އެއަރޕޯޓް ހަދާފައިވާ 3 ރަށަކަށެވެ.



