މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން މަގުތަކުގެ އާންމު ސާފުތާހިރުކަން ގެއްލިދާނެތީ، އެއްވެސް ގެއަކުން މަގުމަށްޗަށް ނުވަތަ އާންމު ސަރަޙައްދުތަކަށް ކުނި ނުނެރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން އިލްތިމާސްކޮށްފިއެވެ.
ވެމްކޯއިން މިކަން އިޢުލާނުކުރަމުން ބުނެފައިވަނީ، މޫސުން ގޯސްވެ ވިއްސާރަވާ ދުވަސްވަރުގައިވެސް މެދުކެނޑުމެއްނެތި އެ ކުންފުނިން ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ގެއަކުން ކުނި ނުނެގި ހުރެއްޖެނަމަ، އެ ކުނި މަގުމައްޗަށް ނުވަތަ އާންމު ސަރަޙައްދުތަކަށް ނުނެރުމަށް އިލްތިމާސްކޮށްފައިވެއެވެ.
އެއްވެސް ގެއަކުން ކުނި ނުނެގި ހުރިކަން ފާހަގަކުރެވިއްޖެނަމަ ނުވަތަ ޚިދުމަތް ނުލިބޭނަމަ، ވެމްކޯގެ ހޮޓްލައިން ނަންބަރު 1666 އަށް ގުޅައި އެ މަޢުލޫމާތު ދިނުމަށް ވެމްކޯއިން އެދިފައިވެއެވެ.
ރޯދަމަހު ކުނި ނަގާ ގަޑިތަކަށް ބަދަލެއް
މީގެއިތުރުން، ރަމަޟާންމަހު ކުނި ނަގާ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާކަން ވެމްކޯއިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މާލޭގައި ރޭގަނޑު 8:30 އިން ދަންވަރު 2:30 އަށް، ހުޅުމާލޭގައި ރޭގަނޑު 9:00 އިން ދަންވަރު 1:00 އަށް، އަދި ވިލިމާލޭގައި ރޭގަނޑު 9:30 އިން ދަންވަރު 1:30 އަށް ކުނި ނެގުމުގެ ޚިދުމަތް ދޭނެކަމަށް ބުނެފައިވެއެވެ.
އަދި ކުނި ނެރުމުގައި، ބިއްލޫރި ނުވަތަ ތޫނު އެއްޗެހި އުކާލާނަމަ، އެއިން ވެށިފާރަވެރިންނަށް ގެއްލުން ނުވާނެހެން ރަނގަޅަށް ބަންދުކޮށް، ވަކިން ބެހެއްޓުމަށްވެސް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.



