ފަލަސްތީނަށް އެހީވުމަށް ކުރާ މަސައްކަތަށް އިސްރާއީލުން ހުރަސް އަޅަމުންދާތީ، އެކަމާ ގުޅޭގޮތުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން މިއަދު ބައިވެރިވެ، ލިޔުމުން ބަޔާނެއް ހުށަހަޅައިފިއެވެ.
ބަންޑާރަނައިބުގެ އޮފީހުން މިކަން އިއުލާނުކުރަމުން ބުނެފައިވަނީ، އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކާއި އެހެން ޤައުމުތަކުން އިސްރާއީލުގެ ބާރުގެ ދަށުގައިވާ ފަލަސްތީނުގެ ބިންތަކުގައި ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިސްރާއީލުގެ އިލްތިޒާމްތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށް އެދި ހުށަހަޅާފައިވާ މައްސަލައިގައި ކަމަށެވެ.
މި މައްސަލަ އައިސީޖޭއަށް ހުށަހެޅިފައިވަނީ، އދ އާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްއިއްޔާތަކުން ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އެހީތެރިކަމަށް ހުރަސްއަޅައި، ޣައްޒާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިސްރާއީލުން ހަމަލާދެމުންދާތީ، އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކާ ގުޅޭގޮތުން އައިސީޖޭގެ ލަފައަކަށް އެދި 19 ޑިސެންބަރު 2024 ގައި އދ ގެ އާންމު މަޖިލީހުން ފާސްކުރި ޤަރާރެއްގެ ދަށުންނެވެ.
ދިވެހިރާއްޖެއިން ހުށަހެޅި ބަޔާނުގައި، އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާއި އިންސާނީ ހައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުއާހަދާތަކުގެ ދަށުން އިސްރާއީލުގެ ޒިންމާތައް ފާހަގަކޮށް، ފަލަސްތީނުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ފެނުގެ ވަސީލަތްތައް ފޯރުކޮށްދިނުމުގެ ޒިންމާއަށް އަލިއަޅުވާލާފައިވެއެވެ.
މީގެއިތުރުން، އދ ގެ މެންބަރެއްގެ ހައިސިއްޔަތުން އިސްރާއީލުގެ މައްޗަށް ޔޫއެންއާރްޑަބްލިއުއޭގެ މަސައްކަތްތަކާ ގުޅޭގޮތުން އޮތް ޒިންމާ ތަފްސީލުކޮށް، އެ ޖަމްއިއްޔާގެ މަސައްކަތްތައް ހުއްޓުވާލައި އިސްރާއީލުން އެ ޖަމްއިއްޔާ ރޫޅާލުން މަނާކުރާ ބައިނަލްއަޤްވާމީ ޤާނޫނީ އުސޫލުތަކުގެ މައްޗަށްވެސް ރާއްޖެއިން ހުށަހެޅި ބަޔާނުގައި އަލިއަޅުވާލާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވެއެވެ.



