އދ. ދިގުރަށުން މާލެއަށް ދަތުރުކުރަމުންދިޔަ ލޯންޗެއް މިއަދު ހެނދުނު އަޑިއަށް ގޮސްފިއެވެ، އޭގައި ތިބި 48 މީހުން ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހަތަރު ކުޑަކުދިންނާއި ލޯންޗުގެ ތިން ކްރޫ މެންބަރުން ހިމެނެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި “ހުވަން” ނަމަކަށް ކިޔާ މި ލޯންޗު އަޑިއަށް ދިޔަ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 7:57 ހާއިރުއެވެ. އެ ލޯންޗު އަޑިއަށް ގޮސްފައިވަނީ ދިގުރަށާއި މަހިބަދޫއާ ދެމެދު ސަރަހައްދަކަށެވެ. ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބި އެންމެން ލައިފް ޖެކެޓް އަޅައިގެން ކަނޑުމަތީގައި ތިބިކަން ފުލުހުން އާންމުކުރި ފޮޓޯތަކުން ފެނެއެވެ.
ފުލުހުން ބުނިގޮތުގައި ލޯންޗުގައި ތިބި އެންމެން މިހާރު ވަނީ ސަލާމަތްކޮށް، ދިގުރަށަށް ގެންގޮސްފައެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މޫސުން ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. މޫސުމާބެހޭ އޮފީހުން މައުލޫމާތު ދޭގޮތުގައި މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވެއެވެ. އަދި ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.
މޫސުން ގޯސްވެފައިވާތީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.



