މުދާ ހެޔޮގޮތުގައި ބޭނުންކުރާއިރު އެންމެ އިސްކަންދޭންޖެހޭ ބަޔަކީ މައިންބަފައިންކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ކޮންމެ އަހަރެއްގެ ރަމަޟާންމަހުގައި ބާއްވަމުން އަންނަ އިޙްޔާ ފޯރަމްތަކުގެ ތެރެއިން މިއަހަރުގެ ފުރަތަމަ ފޯރަމް ފެށްޓެވުމުގެ ގޮތުން ތަޤްރީރު ކުރައްވަމުންނެވެ.
މި އަހަރުގެ ރަމަޟާންމަހުގެ އެންމެ ފުރަތަމަ އިޙްޔާ ފޯރަމް ޚާއްސަކޮށްފައިވަނީ “ހެޔޮ ގޮތުގައި މުދާ ހޯދުމާއި ބޭނުން ކުރުން” މި މަޢުޟޫއަށެވެ. މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުންނާއި ރަސޫލާގެ ސުންނަތުން ދަލީލު ނަންގަވައި ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދެއްވާފައެވެ.
ހެޔޮގޮތުގައި މުދާ ހޭދަކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ މުދަލުގެ އަމާނާތަކީ އެންމެ މުހިންމު އަމާނާތްކަން ފާހަގަކުރައްވާފައެވެ. އަދި މުދަލުގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމާއި، މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، އެކިގޮތްގޮތުން އެހީތެރިކަމަށް ބޭނުންޖެހިފައި ތިބި އެހެން އިންސާނުންނަށް އުފާވެރިކަން ގެނެސްދިނުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ.
“އަޅުގަނޑުމެންނަށް މާތް ﷲ ދެއްވާފައިވާ މަތިވެރި އަމާނާތް އަޅުގަނޑުމެން ހޭދަކުރަންވީ ގޮތް ﷲ ސުބްޙާނަހޫ ވަތަޢާލާ މި އުނގަންނަވައިދެއްވަނީ. އެންމެ ފުރަތަމަވެސް އަޅުގަނޑުމެންނަށް ﷲ ބަޔާންކޮށްދެއްވަނީ. ތިޔަބައިމީހުންގެ ކިބައިގައިވާ ތަނަވަސްކަން ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާފައިވާ ތަނަވަސްކަމުގެ ބޭނުން ހެޔޮގޮތުގައި ހިފުމުގައި އެންމެ ފުރަތަމަ އިސްކަން ދޭންޖެހޭ ބަޔަކީ ތިޔަބައިމީހުންގެ މައިންބަފައިނޭ،” ކީރިތި ޤުރުއާނުގެ އަލީގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.
އަދި ހަލާލު ގޮތުގައި މުދާ ހޯދުމަށް މާތް ﷲ ބާރު އަޅުއްވާފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ޙަރާމް ގޮތުގައި މުދާ ކެއުމަކީ އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަމެއްކަމަށެވެ.



