ލިޔުނީ: ޑރ. އާމިނަތު ޙުސައިން
ރޯދައަށް ހުރުމުން ހިކޭތަ؟ އާންމުކޮށް ގިނަމީހުން ކެއުމަށް އިތުރުބަދަލެއް ނުގެނެޔަސް ރޯދައަށް ހުރުމުން ކޮންމެވެސް ވަރަކަށް ހިކެއެވެ. އެހެންނަމަވެސް ރޯދަމަހާއެކު ކެއުމުގެ ވައްޓަފާޅިއަށްގެނެވޭ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ފަލަވެ ދުޅަހެޔޮ ބަރުދަންގެއްލިގެންދަނީ މަދެއްކޮށެއްނޫނެވެ. އެހެންކަމުން މި ރަމަޟާންމަހު މިންހެޔޮ ފައިދާހުރިކާނާ ކެއުމަށާއި، ކަސްރަތުކޮށް، ބަރުދަން ލުއިކޮށް، ދުޅަހެޔޮ ޞިއްޙަތެއް ހޯދުމަށް ޢަޒުމު ކަނޑައަޅާށެވެ. ރޯދައިގެ ރޫޙާނީ ފައިދާ އާއެކު ރޯދައިގެ މާއްދީ ފައިދާވެސް ލިބޭތޯ އާ ހިތްވަރަކާއިއެކު ކުރިމަތިލާން ހިނގާށެވެ. ދުވާލުގެ ގިނަވަގުތު ރޯދައަށް ހުންނައިރު، ހަށިގަނޑުގައި ރައްކާކޮށްފައިވާ ސަރުބީތަކުގެ ކޮޓާރުތައް ހުޅުވި ސަރުބީތައް ހަކަތައަށް ބަދަލުވާން ފަށާނެއެވެ. އެކަމަކު މިގޮތައް ހަށިގަނޑުގައިވާ ސަރުބީތައްވިރުވާލަން ހަށިގަނޑުން މަސައްކަތް ކުރާނީ އަހަރެމެންގެ ކެއުމަށް އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނެވިގެންނެވެ.
ރޯދަމަހުގައި ނޫނަސް ތަފާތު އެކިގޮތްގޮތައް (“އިންޓަރމިޓެންޓް ފާސްޓިން”) ރޯދަހިފައިގެން ހިކުމަކީ މިހާރު ވަރަށް ބޮޑަށް ވައިގަހިފާފައިވާ މަޤުބޫލު އުކުޅެކެވެ. ހިކުމުގެ މަގުސަދުގައި މީސްމީހުން ރޯދަހިފާއުޅޭ އެކި ގޮތްތަކުގެ ތެރެއިން، އަހަރެމެން ރޯދަމަހު ރޯދަހިފާ ގޮތަށް ރޯދަހިފުމަކީ އެންމެ މަޝްހޫރު އެއްގޮތެވެ. އިތުރުގޮތްތަކުގެ ތެރޭގައި ދެދުވަހުން އެއްދުވަހު ރޯދަހިފުމާއި، ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މިންވަރު ވަކިވަގުތުތަކެއްގައި ވަކި ވަރަކަށް ކޮންޓުރޯލުކޮށް ހިފަހައްޓައިގެން ރޯދަހިފުމާއި، ދެހަފުތާއިން އެއްހަފުތާ ރޯދަހިފުން ހިމެނެއެވެ. އަދި މިނޫންވެސް ތަފާތު ގޮތްގޮތައް މިކަން ކޮށްއުޅެއެވެ. ކޮންމެ ގޮތަކަށް މިކަން ކުރިކަމުގައިވިޔަސް ކަސްރަތުގެ ދުނިޔޭގައި ރޯދަހިފުމުގެ އެންމެބޮޑު މަގުސަދަކީ ހަށިގަނޑުގެ އުންސުރުތައް މިންހެޔޮކޮށް ހަމަހަމަކޮށްލުމެވެ. މިތަނުގައި އުންސުރުތައް ހަމަހަމަ ކުރުމޭ މިބުނެވޭ ބަހުގެ މާނައަކީ ހަށިގަނޑުގައިވާ ސަރުބީގެބަޔާއި ސަރުބީނޫން އެހެންބައިތަކުގެ “ރޭޝިއޯ” ހުންނަންޖެހޭމިނަށް ގެނައުމަށެވެ. މި ހަމަހަމަކަން ގެނެވޭނީ ހަށިގަނޑުގައިވާ ސަރުބީތައް ވިރުވާލެވިގެންނެވެ. އަދި ހަށިގަނޑުގެ މަސްތަކާއި އެނޫން ބައިތަކުގެ ބަރުދަން އިތުރުކޮށްގެން ނުވަތަ ހުރިވަރުގައި ހިފެހެއްޓިގެންނެވެ.
ރޯދަމަހު ހަށިގަނޑުގެ ބަރުދަނާއި ސަރުބީގެ ބަރުދަން ލުއިވެގެން ދިއުމުގައި ކެއުމުގެ ވަގުތުތަކަށް ގެނެވޭ ބަދަލާއި، އަދި ކެއުމުގައި ހިމަނާ ކާބޯތަކެތި ވަރަށް ބޮޑު ރޯލެއް އަދާކުރެއެވެ. އާންމުކޮށް ހަނޑޫ ފަދަ ކާބޯހައިޑްރޭޓް ލިބޭކެއުންތައް ބޭނުން ކުރާމީހުންގެ ކެއުމުން އެބައި އުނިކޮށް، އިތުރުއެހެން ބައިތައް ހިމަނާ މިންހެޔޮކެއުމަކަށް ބަދަލު ކޮށްލެވިއްޖެނަމަ އޭގެ ފައިދާ ފެނިގެންދެއެވެ. މީގެ ހެއްކަކީ ރޯދަމަހު ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ މީހުން ކެއުމުގައި އާންމުކޮށް ހިމަނާކާބޯތަކެއްޗާއި، އޭގައި އެކުލެވޭ ކެލަރީގެ މިންވަރާއި އަދި ކެއުމުގެ އާދަތަކަށް ބަލާއިރު އެކަމުގެ ސަބަބުން އެމީހުންގެ ބަރުދަން ލުއިވެފައިވަނީ އެކި މިންވަރަށް ކަމަށްވާތީއެވެ. ހުޅަނގާއި އިރުމަތީ އޭޝިއާގެ މީހުންނަކީ އެމީހުންގެ އާންމު ދިރިއުޅުމުގައި ގޮވާމާއި ފަލަމަޑީގެ ބައިތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ބައެކެވެ. އެހެންނަމަވެސް އެމީހުން ރޯދަމަހު ދުވާލަކަށް ބޭނުންކުރާ ކާރބޯހައިޑްރޭޓްގެ މިންވަރު ދަށްކޮށް ޕުރޯޓީން ލިބޭ ކާނާ އިތުރު ކުރާކަންވަނީ ފާހަގަވެފައެވެ. މިހެން މިގޮތަށް ކެއުން ބަދަލުކޮށްލުމުން އާންމުކޮށް އެމީހުން ކައިއުޅޭ ކެލަރީ ގިނަ ކެއުމަށް މިންހެޔޮކަން ގެނުވައެވެ. ނަތީޖާއަކީ އެމީހުންގެ ބަރުދަން ރޯދަމަހު ލުއިވެގެން ދިއުމެވެ. އެހެން ނަމަވެސް ތެލުލިތަކެއްޗާއި ތައްޔާރީ ކެއުމުގެއާދަ ހިފައިފައިވާހުޅަނގުގެ ގައުމުތަކުގައި ރޯދަމަހު ލުއިވާމީހުންގެ ނިސްބަތް ދުނިޔޭގެ އެހެން ހުރިހާ ހިސާބުތަކަށްވުރެ މަދެވެ.
ރަމަޟާންމަހު ހިފާ ރޯދައިގެ ސަބަބުން ހަށިގަނޑުގެ ބަރުދަނަށް ބަދަލު އާދޭތޯ ހެދިފައިވާ ދިރާސާތަކުން އެނގިގެންދިޔައީ ރަމަޟާންމަހު އާންމުކޮށް މީހުންގެ ބަރުދަންލުއިވާކަމެވެ. “އޮބިސިޓީ” ނުވަތަ ފަލަބަލީގެ ޝިކާރައަށްވެފައިވާ މީހުންނާއި އެނޫން މީހުންގެވެސް ބަރުދަން ލުއިވެއެވެ. އިސްކޮޅާއި ހަށިގަނޑުގެ ރޫފަޔަށްބަލާ ހަށިގަނޑުގެ ބަރުދަން އިތުރު މީހުންނާއި، ފަލަބަލި ތަހައްމަލުކުރާމީހުންގެ ހަށިގަނޑުގެ ބަރުދަނާއެކު ސަރުބީގެ ބަރުދަން ލުއިވާ މިންވަރު މިފަދަ ކަމެއް ދިމާނުވާމީހުންނަށްވުރެ މާބޮޑަށްވެސް ރަނގަޅެވެ. ބަރުދަން ލުއިވުމުގައި ދެޖިންސުގެ ދެމެދުގައި މާ ބޮޑު ތަފާތުތަކެއް ހުރިކަމަކަށް ނުދައްކައެވެ. އެހެންނަމަވެސް ރޯދަމަސް ނިމުމަށްފަހު ރޯދައިގެ ކުރިން ބަރުދަން ހުރި މިންވަރަށް އަނބުރާ އިޔާދަވާން ގިނަމީހުންގެ ނަގަނީ ގާތްގަނޑަކަށްއެވެރެޖުކޮށް 2 ހަފުތާއެވެ.
ރޯދަމަހު މިންހެޔޮ ކެއުމެއް އިޚުތިޔާރުކޮށް އަދި ހަރަކާތްތެރި ދިރިއުޅުމަކާއިއެކު، ކަސްރަތުކޮށްފިނަމަ ބަރުދަން ލުއިވެގެންދާ އިންސައްތަ ވަރަށް ބޮޑުތަން އިތުރުވެގެން ދެއެވެ. މިއާއެކު ރޯދަމަހަށްފަހުވެސް މިއާދަތަކަކީ ދިރިއުޅުގެ ބައެއްގެ ގޮތުގައި ހެދިއްޖެނަމަ އޭގެ އެދެވޭ އަސަރު މުޅި ދިރިއުޅުމުން ފެނިގެން ދާނެކަން ކަށަވަރެވެ. މުޅިއަހަރުގެ ތެރޭގައިވެސް ރޯދަމަހު މިފެންނަ ކަހަލަ ރަނގަޅު ބަދަލުތައް ފެންނަން އެދޭމީހުންސުންނަތް ރޯދަ ހިފުމުގެ އާދަ އަށަގަންނުވާށެވެ. ދެދުވަހުން އެއްދުވަހު ހިފާ ރޯދަ ނުވަތަ ހޯމަ ބުރާސްފަތި ދެދުވަހު ހިފާ ރޯދަ ނުވަތަ މެދުފޮއިރޯދަ ހިފުމުގެ ރީތިއާދަ ހަރުލެއްވޭތޯބަލާށެވެ. ހަފުތާގެ ކޮންމެ ދުވަހަކީވެސް ކޮންމެވެސް ބާވަތެއްގެ ކަސްރަތެއް ކޮށްލެވޭ ދުވަހަކަށް ހެދޭތޯ ބަލާށެވެ. ހަރަކާތްތެރި ދިރިއުޅުމަކާއިއެކު ކަސްރަތުކުރުމަކީ ދިރިއުޅުމުގެ ބަޔަކަށް ހަދާށެވެ. ފޫހިނުވާނޭ ގޮތަކަށް ކަންކަން ރޭވުމަށް ސަމާލުކަންދޭށެވެ. އެހެންނޫންނަމަ ދުޅަހެޔޮކޮށް ހުރުމަށް ތިބާ ތިކުރާ ދަތުރު ދަތި އުނދަގޫވެގެން ހިނގައިދާނެއެވެ.
———————————-



