މި ސަރުކާރުގެ ބާކީ އޮތް ދެ އަހަރު ދުވަހުގެ މުއްދަތުގައި އެކުގައި މަސައްކަތްކުރުމަށާއި، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރުމަށް، ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި ޢަދާލަތު ޕާޓީއާ ދެމެދު ރަސްމީ އެއްބަސްވުމެއް ޤާއިމުކޮށްފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ޕީއެންސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޕާޓީގެ ޗެއާމަން ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ. އަދި ޢަދާލަތު ޕާޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޕާޓީގެ ރައީސް ޝައިޚް މުޙައްމަދު ޝިފާނެވެ.
2028 ގެ ރިޔާސީ އިންތިޚާބުގައި ޕީއެންސީއާއެކު އިއްތިޙާދުވުމަށް ޢަދާލަތު ޕާޓީން ރަސްމީކޮށް ނިންމި ނިންމުން ހާމަކޮށްފައިވަނީ، 14 ނޮވެންބަރު 2026 ގައި އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކުރި ޤަރާރަކުންނެވެ. މި ޤަރާރަކީ ޢަދާލަތު ޕާޓީގެ ދުސްތޫރުގެ 46.1 ވަނަ މާއްދާގެ ދަށުން މަޝްވަރާ މަޖިލީހަށް ލިބިދޭ ބާރުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
ޢަދާލަތު ޕާޓީން ބުނެފައިވާ ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި އިސްލާމްދީނުގެ ކަންކަން ހަރުދަނާކުރުމަށާއި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ އިތުރުން އިޤްތިޞާދު ރަނގަޅުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި، ސިޔާސީ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާކަން ފާހަގަކޮށް ޕީއެންސީން ވަނީ އެ ޕާޓީއަށް ރަސްމީކޮށް ދަޢުވަތު ދީފައެވެ.
ޕީއެންސީގެ ފަރާތުން ދެއްވި މި ދަޢުވަތަކީ، މި ހިނގާ ރިޔާސީ ދައުރުގެ ބާކީ އޮތް މުއްދަތުގައްޔާއި ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބުގައި ރައީސް މުޢިއްޒާއި ޕީއެންސީއާއެކު ގުޅިގެން މަސައްކަތްކުރުމަށް ދެއްވި ދަޢުވަތެއް ކަމަށްވެސް އެ ޕާޓީން މަޢުލޫމާތު ދެއެވެ.



