ޕޮލިސް ބޯޑަށް އާންމުންގެ ތެރެއިން އައްޔަންކުރާ ދެ މެންބަރުންގެ މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ..
މި ފުރުސަތު ހުޅުވާލާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އާންމު ރައްޔިތުންގެ ތެރެއިން ޕޮލިސް ބޯޑަށް އައްޔަންކުރާ ދެ މެންބަރުންގެ މަޤާމަށެވެ. މިހާރު އެ މަޤާމުގައި ތިއްބެވި ހ. ޝޭޑީކޯނަރ، ޙާމިދު ޢަބްދުލްޣަފޫރާއި، ސ.ހުޅުދޫ ދެތަނޑިމާގެ އަލްއުސްތާޛާ ޞަފާ ޝަރީފްގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
މި މަޤާމުތަކަށް މިހާތަނަށް ކުރިމަތިލައްވާފައިވަނީ ހަތަރު ބޭފުޅެކެވެ. އެއީ މއ. ލޫޕިން، އަޙްމަދު މިޒްމާދު، ގއ. ކޮނޑޭ، ފަހެލާ/ އަހުމަދު މުއާވިޔަތު ޤާސިމް، ގދ. މަޑަވެލި، ދޭލިޔާގެ/ ނިޞްބާޙް ޙަސަން އަދި ދަފްތަރު ނަންބަރު ރސ 6613، މުޙައްމަދު ޞާދިގު އެވެ.
މަޖިލީހުން އަންގާފައިވާ ގޮތުގައި، މި ބޭފުޅުންނާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ 11:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއަށް އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅިދާނެއެވެ.
ޕޮލިސް ބޯޑަކީ ޖުމްލަ 7 މެންބަރުން ހިމެނޭ ބޯޑެކެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ދެ މެންބަރުންނާއި، ފަންނީ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި، އާންމުންގެ ތެރެއިން އައްޔަންކުރެވޭ ދެ މެންބަރުން ހިމެނެއެވެ. މި މަޤާމުތަކަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.



