ބަރލިންގައި މިހާރު ކުރިއަށްދާ އައިޓީބީ ފެއަރގެ ތެރެއިން ސްވިޓްޒަލޭންޑްގެ އެޑްލްވެއިސް އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމާއި އެ އެއަރލައިންގެ އިސްވެރިންނާ ދެމެދުގައެވެ.
މި ބައްދަލުވުމުގައި ޚާއްސަ އަހައްމިއްޔަތުކަމެއް ދީފައިވަނީ ލޯ ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، އެޑްލްވެއިސް އެއަރލައިންގެ ދަތުރުތައް އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުންނެވެ. އެޑްލްވެއިސް އެއަރލައިނުން މިހާރުވެސް ދަނީ ކޮންމެ ހަފްތާއަކު ރާއްޖެއަށް ދަތުރުތަކެއް ކުރަމުންނެވެ.
މިއަހަރުގެ އައިޓީބީ ފެއަރގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ 89 ކުންފުންޏެއް ތަމްސީލްކުރާ 200 މަންދޫބުން ބައިވެރިވެއެވެ. މި ފެއަރ ފެށިފައިވަނީ މާރިޗު 4 ވަނަ ދުވަހު ކަމަށްވާއިރު، މާރިޗު 6 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.
އެމްއެމްޕީއާރުސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފެއަރގެ ސަބަބުން ޖަރުމަނު ބަހުން ވާހަކަދައްކާ މާކެޓުތަކާއި އެހެނިހެން ގައުމުތަކުގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި މީޑިއާތަކާއެކު ގުޅުން ބަދަހިވެގެންދާނެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 451,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖަރުމަނުވިލާތުން އެކަނި 28,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ޖަރުމަނުވިލާތާއި ސްވިޓްޒަލޭންޑަކީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގަދަ 10 މާކެޓުގެ ތެރޭގައި ހިމެނޭ ދެ ގައުމެވެ.



