މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.43 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށާއި، މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 2.2 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަދަދުގެ ތެރެއިން، މި އޮގަސްޓު މަހުގެ ބުދަ ދުވަހުގެ ނިޔަލަށް އެކަނިވެސް 172،487 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފުރަތަމަ 26 ދުވަހާ އަޅާބަލާއިރު އިތުރު އަދަދެކެވެ.
ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމަކީ ޗައިނާ އެވެ. އެ ޤައުމުން 262،120 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނައިގައި އޮތް ރަޝިއާ އިން 205،187 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މީގެއިތުރުން އިނގިރޭސިވިލާތުން 100،000 އަށް ވުރެ ގިނަ ފަތުރުވެރިން އަދި އިޓަލީން 91،798 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލު އެކޮމޮޑޭޝަނަކަށް ވެފައިވަނީ ރިސޯޓުތަކެވެ. އެގޮތުން ގާތްގަނޑަކަށް 1.03 މިލިއަން ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، 310،476 ފަތުރުވެރިން މަޑުކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.
މި އަހަރުގެ ތެރޭގައި މެދުއިރުމަތީގެ ހަމަނުޖެހުންތައް ބޮޑުވެ ދަތުރުފަތުރުގެ މަގުތަކަށް އެޅުނު ހުރަސްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ސަބަބުން ފްލައިޓްތައް ލަސްވުމާއި ކެންސަލްވުމުގެ އިތުރުން ދަތުރުފަތުރުގެ ޚަރަދުތައްވެސް ވަނީ އުފުލިގެން ގޮސްފައެވެ.



