ރައްޔިތުންގެ މަޖިލީހުގައި ކޮންމެ ދުވަހަކު ކުރާ ހުރިހާ މަސައްކަތެއްގެ ތަފްސީލް އެ ދުވަހެއްގެ ޖަލްސާގައި އިއުލާންކުރުމަށް މަޖިލީހުގެ ރިޔާސަތުން ނިންމަވައިފިއެވެ. މިގޮތަށް ނިންމެވީ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ހާޒިރުވެވަޑައިނުގެން މުސާރަ ނަންގަވާކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި، ޖަލްސާގެ އިތުރުން މަޖިލީހުގައި މެންބަރުންގެ އިތުރު މަސައްކަތްތައްވެސް ކުރިއަށްދެއެވެ.
“ބިލު ބަލައިގަތުމަށް ނިންމުމާއެކު މިދަނީ ކޮމިޓީއަށް. ކޮމިޓީ މަރުހަލާގައި ދިރާސާކުރަންޖެހޭ ވަރަކަށް ދިރާސާކޮށް، މައުލޫމާތު ހޯދަންޖެހޭ ފަރާތްތައް ހާޒިރުކޮށް، ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ،” މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިހާތަނަށް މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ކޮންމެ ދުވަހަކުވެސް ރިޔާސަތުން އިއުލާންކުރަނީ އެ ދުވަހެއްގެ ޖަލްސާގެ އެޖެންޑާ އެކަންޏެވެ. ނަމަވެސް މީގެ ފަހުން އެ ދުވަހަކު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތުވެސް ޖަލްސާތަކުގައި ރިޔާސަތުން ހާމަކުރައްވާނެއެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސް ވަނީ މި ރަމަޟާން މަހުގެ ހެޔޮކަމާއި ފައިދާ ފުރިހަމަ ގޮތުގައި ހޯއްދެވުމަށް މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.



