ހދ. ނޭކުރެންދޫގައި އުޅުނު އިރު ވެސް ފާތިމަތު ސާލިޔާ އެންމެ ގަޔާވި ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެކުގައި އުޅުނު އެހެން އަންހެންކުދިން ނެޓްބޯޅަ އަދި ބާސްކެޓްބޯޅަ ކުޅެން ޝައުގުވެރިކަން ހުރިނަމަވެސް ސާލިޔާގެ ސަމާލުކަންހުރީ ސީދާ ފުޓްބޯޅަ ދަނޑަށެވެ.
ސާލިޔާގެ ފޯކަސް ޓްބޯޅަ ދަނޑުން ނުނެއްޓި ހިފަހައްޓާލުމުގެ ނަތީޖާއަކަށްވީ ސްކޫލް ދައުރުގައި ޤައުމީޓީމަށް ސެލެކްޓްވުމަށް ފުރުސަތު ލިބުމެވެ. މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ސާލިޔާވަނީ ހިފާފައެވެ.
ފުޓްބޯޅައިން ފީލްޑަށް ނުކުތް ސާލިޔާގެ ކެރިއަރ އަށް ވިއްސަކަށް އަހަރުވާން ގާތްވެފައިވާއިރު، މިއަދު އޭނާއަކީ ރާއްޖޭގައި ނަން ވިދާލާ އަންހެން ފުޓްސަލް ކުޅުންތެރިއެއްގެ އިތުރުން އަންހެން ފުޓްބޯޅަ ކޯޗެއްވެސް މެއެވެ. ދާދިފަހުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ގޯލްޑެން ފުޓްސަލް މުބާރާތުގެ ފުރަތަމަ އަންހެން ކޯޗުގެ ގޮތުގައި ސާލިޔާވަނީ ހަރަކާތްތެރިވެފައެވެ.
މި އިންޓަވިއުގައި ކުރުކޮށް ފޮނިކޮށް ކިޔައިމިދެނީ ފުޓްބޯޅައަށް ސާލިޔާގެ ހިތްދޫވި ވާހަކަތަކެވެ.

ފުޓްބޯޅައަށް ވަދެވުނީ ކިހިނެތް؟ އަދި މި ދާއިރާ އިޚްތިޔާރު ކުރީ ކީއްވެ؟
ފުޓްބޯޅައަށް ވަދެވުނީ ސްކޫލްގަ އުޅުނުއިރު. އެފްއޭއެމުން ނެޝަނަލް ޓީމަށް ކުދިން ހޮވަން ހުޅުވާލި ޕޫލެއްގައި ސްކޫލްގެ ފަރާތުން ގޮސް ސެލެކްޓް ވެގެން.
އަންހެން ކުޅުންތެރިއަކަށް ވުމުން ސާލިޔާ މި ދާއިރާއަށް ވަނުމުގެކުރިން ކުރިމަތިވި ގޮންޖެހުންތަކަކީ ކޮބާ، އަދި އެކަންކަން ހައްލުކުރީ ކިހިނެތް؟
އަސްލު ފުރަތަމަ މި ދާއިރާ އިން ކުރިއަށް ދާން ފެށި އިރު މި ފީލްޑް އަކީ ރާއްޖޭގައި އަންހެން ކުޅުން ތެރިންނަށް އެހާ ބައިވަރު ފުރުސަތުތަކެއް ހުޅުވިފަ އޮތް ކަމަކަށް ނުވާތީ، އާންމުންގެ ސަޕޯޓް އެހާ އެއް ނުލިބޭ. ދެން އާއިލާ އިން ވެސް ކުރަން އެހާ ގަބޫލް ކަމަކަށް ނުވި… އެހެން ނަމަ ވެސް ފަށައިގަން އިރު ހުރި ގޮންޖެހުން ތަކާ އެއްކޮށް މި ފީލްޑް ގަ ހުއްޓާނުލާ ކުރިއަށް އައިސް މިހާރު ހަމަ އެންމެ ބޮޑު ސަޕޯޓް އަކީ އަޅުގަނޑުގެ ފެމިލީ. ގަބޫލް އެއް ނުކުރަން އެމީހުންގެ އެއްބާރުލުން ނުލިބި މިހިސާބަށް އާދެވިދާނެ ކަމަކަށް… އޭރުގަ އެއީ އެހާ ހިތް ހަމަ ޖެހޭ ކަމަކަށް ނުވިޔަސް ކުޅެން ފުރުސަތު ދިން، “ބިކޯޒް އައި ލަވް އިޓް”…. ހުއްޓުވި ނަމަ މިއަދު މިހުރި ހިސާބަކަށް އަޅުގަނޑަށް ވާސިލް ނުވެވޭނެ.

ގޯލްޑަން ފުޓްސަލްގެ ފުރަތަމަ އަންހެން ކޯޗުގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ ކިހިނެތް؟ އަދި ސާލިޔާ ދެކޭގޮތުގައި މިއީ މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު ކިހާ މުހިއްމު ފުރުސަތެއް؟
ގޯލްޑަން ފުޓްސަލްގަ މަސައްކަތް ކުރަން ލިބުނީ “ތޯހާ ކޯޗް” މެދުވެރިކޮށް. ތޯހާ ކޯޗްގެ ރިކުއެސްޓަކަށް ސްޓާޓްކުރީ. ކޯޗްގެ ވަރަށް ބޮޑު ސަޕޯޓެއް ލިބުނު. އަސްލު އެއީ ވަރަށް ރަނގަޅު ފުރުސަތެއް. އެހެންވެ މީތި ނެގީވެސް. ސަބަބަކީ އަޅުގަނޑު އަބަދުވެސް އާ އެއްޗެހި ދަސްކުރާ ހިތްވޭ. ޗެލެންޖަސް އާ ކުރިމަތިލާހިތްވޭ. އަބަދުވެސް އާ ކަންތައްތައް ކުރާ ހިތްވޭ. މީހަކު އެއްޗެއް ކިޔާދެންޏާ ވަރަށް އަޑުއަހާހިތްވޭ. ހާއްސަކޮށް ފުޓުބޯޅައިގަ. އެހެންވީމަ މިއީ ހަމަ ވަރަށް ރަނގަޅު ފުރުސަތެއް. އެގޮތަށް ވިސްނާފަ ކުރިއަށްދިއުމުގެ ވިސްނުން އެބަހުރި.
އެހެން ކުޅުންތެރިންނާއި ތަފާތުކޮށް ސާލިޔާ ގެންގުޅޭ އުކުޅުތަކަކީ ކޮބާ؟ އަދި ޓީމާއި މެދު ގެންގުޅޭ ހާއްސަ ވިސްނުންތަކަކީ ކޮބާ؟
ކުުޅުންތެރިއެއްގެ ހައިސިއްޔަތުން އަބަދުވެސް ގަޑިއަށް ނިދުމާިއ، މުބާރާތެއް އޮންނަނަމަ އެ ދުވަސްކޮޅެއްގައި ކެއުމަށް ބެލުމާއި، ހާއްސަކޮށް ކުޅިއެއްޗެއްސާއި ދުރުން އުޅުން. ދެން އެއްވެސް ޕްރެކްޓިސްއެއް މިސްއެއް ނުކުރަން.
ކޯޗެއްގެ ހައިސިއްޔަތުން އަބަދުވެސް މަސައްކަތްކުރަން ކުޅުންތެރިންނަށް އެ ވަގުތެއްގައި އެންމެ ބޭނުންވާނެ ޕްރެކްޓިސްތަކަކާއި އެއްކޮށް ކުރިއަށް ގެންދިއުން. ދެން އަބަދުވެސް ހުރިހާ ކުޅުންތެރިންގެ އެންމެ “ފުލް ޕޮޓެންޝިއަލް”ގައި ބޭނުންކުރެވޭތޯ ބަލަން.

ފުޓްބޯޅަ ކުޅުންތެރިއެއްގެ ހުންނަންޖެހޭ އެންމެ މުހިންމު ސިފަތަކަކީ ކޮބާ؟ އަދި އެ ސިފަތައް އަމިއްލައަށް ތަރައްޤީ ކުރަނީ ކިހިނެއް؟
ޑިސިޕްލިން. އެންމެ މުހިއްމު ކަމަކީ ރަނގަޅު ޑިސިޕްލިންއެއް ގެންގުޅުން. ދެން ގިނަ ދުވަހު ކުޅެން ބޭނުންވާނަމަ އެމީހެއްގެ ޑިސިޕްލިން ވަކި ގޮތްތަކަކަށް ގެންގުޅުން ވަރަށް މުހިއްމު. ދެން އިންޖަރީޒް ރިކަވަރީ ކުރުމާއި އެފޯޓްލުމަކީވެސް ވަރަށް މުހިއްމު ކަމެއް. ދެން ފިޒިކަލީވެސް ވަރަށް ބޮޑަށް މެއިންޓެއިންކުރަންޖެހޭ.
މިހާތަނަށް ފުޓްބޯޅަ ކެރިއަރގައި ސާލިޔާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮބާ؟
ކްލަބް މޯލްޑިވްސްގައި އަޅުގަނޑުގެ ކެޕްޓަންކަމުގެ ދަށުން ޖެހިޖެހިގެން ތިން އަހަރު ޗެމްޕިއަންކަން ނަގާ ރެކޯޑް ހެދި ރޭ ވަރަށް އުފާވި. މުޅި ކެރިއަރގައިވެސް ފާހަގަކޮށްލެވުނު ރެއެއް އެއީ. ދެން ލޯމެޑަލް ހޯދުމާއި ނެޝަނަލް އެވޯޑް ހޯދުމަކީ ވަރަށް ފާހަގަކޮށްލެވޭ އުފާވާ ތިން ކަންތައް.
އަސްލު އެންމެ ބޮޑު އެއްޗަކީ، މީހުންގެ ލޮތްބާއި އިޙްތިރާމް. އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ވަރަށް ގިނަ ރަށްރަށުން ދެވިންޖެ ޓޯނަމަންޓްތަކަން، އެމީހުންގެ ފަރާތުން އެ ލިބޭ ސަޕޯޓް އެއީ ވަރަށް ބޮޑު ކާމިޔާބީއެކޭ ބުނާނީ. ދެން އަސްލު ފުޓްސަލްގަ ލިބިފަ ހުރި އެޗީވްމަންޓްސްތަކުގެ ވަރަށް ބޮޑު ކްރެޑިޓެއް އަންދޫ ކޯޗަށް ލިބޭ، އަންދޫ ކޯޗް ފުޓްސަލްގަ ވަރަށް ގިނަ އެއްޗެހިތަކެއް ދަސްކޮށްދިން. އެންމެ ގިނަ ދުވަހު ވޯކް ކޮށްފަ ވެސް ހުންނާނީ އަންދޫ ކޯޗާ އެކު. ދެން އިންޖަރީ އިން ރިކަވަރ ވުމުގައި ފިޓްނަސް މެއިންޓެއިން ކުރުމުގެ ނައުފަލް .ކޯޗް އަދި ޝިޔާގެ ވަރަށް ބޮޑު ސަޕޯޓެއް ލިބޭ. އަދި ހާއްސަކޮށް ދޫނި ދުންޔާގެ ސަޕޯޓް ހުރިހާ ގޮތަކުން ވެސް ލިބޭ

ފުޓްބޯޅަ ކުޅުންތެރިންނާއި ފިއުޗާ ކޯޗުންގެ ގޮތުގައި ކުރިއަށް ދާން ބޭނުންވާ އަންހެން ކުދިންނަށް ދޭނެ މެސެޖަކީ ކޮބާ؟
މިހާރުވެސް އެކަމަޑީގަިއ އެބައުޅޭ ކޯޗުންގެ ގޮތުގައި ތިން ވަރަކަށް ކުދިން. އެހެންވީމަ ކުރިއަށްދާށޭ. ކޮންމެ ކަމަކަކީވެސް ކެރިގެން ކުރިމަތިލީމަ ވާނެ ކަމެކޭ ބުނާނީ. މުސްތަގްބަލުގައި ޒުވާން ކުޅުންތެރިން ފެންނާނެކަމަށް އުއްމީދުކުރަން.




