މަގް ބްރައުނީއަކީ މަގް ނުވަތަ ޖޯޑެއްގައި ވަރަށް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭނެ މީރު ފޮނި ރެސިޕީއެކެވެ. މިއީހާއްސަކޮށް އެކަނި އުޅޭ މީހަކަށް ތައްޔާރުކޮށްލެވޭނެ އަދި ރޯދަވީއްލާ ގަޑިއަށް ފޮނިއެއްޗެހި އިސްރާފްވުމުން ދުރުކޮށްދޭނެ މީރު ރެސިޕީއެކެވެ.
ބޭނުންވާ ތަކެތި
2 މޭޒުމަތީ ސަމުސާ ބަޓަރ
1/4 ފުށް
2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ
3 މޭޒުމަތީ ސަމުސާ ހަކުރު
ލޮނުކޮޅެއް (އިނގިލި ކުރިން ނެގޭވަރަށް)
3 މޭޒުމަތީ ސަމުސާ ދިޔާ ކިރު
1/8 ސައިސަމުސާ ވެނީލާ އެސެންސް
ވެނީލާ އައިސްކުރީމް
ތައްޔާރުކުރާނެގޮތްް
މައިކްރޮވޭވްއެއް ބޭނުންކޮށް ބަޓަރުކޮޅު މެލްޓް ކޮށްލާށެވެ. މަގް ނުވަތަ ޖޯޑެއްގައި ހަކުރު، ފުށް، ކޮކޯ ޕައުޑަރ، އަދި ލޮނުކޮޅު އެއްކޮށްލާށެވެ. ދެން ފުރަތަމަ މެލްޓް ކޮށްފައިހުރި ބަޓަރުކޮޅު އަޅާލުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު އޭގެތެރެއަށް ކިރާާއި ވެނީލާ އެސެންސް އެޅުމަށްފަހު އުލެެއް ބޭނުންކޮށްގެން ރަނގަޅަށް އެއްކޮށްލާށެވެ. މައިކްރޮވޭވްގައި އެންމެ ޓެމްޕަރޭޗަރ މަތިކޮށް 1-2 މިނެޓް ވަންދެން ފިހެލާށެވެ.
ފިހެވުމަށްފަހުވެސް ބްރައުނީ ހުންނާނީ އެތެރެ ކުޑަކޮށް ތެތްކޮށެވެ. ދެން 4 ވަރަކަށް މިނެޓް ބްރައުނީ ހިހޫކޮށްލަން ބަހައްޓާށެވެ. އެންމެފަހުން ބްރައުނީގެ މައްޗަށް އައިސްކްރީމް ސްކޫޕެއް އަޅާލުމަށްފަހު ސާވްކޮށްލާށެވެ.



