ފ. އަތޮޅުގެ މަގޫދޫ އަދި ދަރަނބޫދޫގައި އަލަށް ޤާއިމްކުރެވޭ ލައިސަންސް ޓްރެކް ހުޅުވުމުގެ މަސައްކަތްތަ ނިމެން ކައިރިވެފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
މި ޓްރެކް ހުޅުވުމުގެ މަސައްކަތްތައް ފެށުމުގެ ކުރިން، ޓްރާންސްޕޯޓް މިނިސްޓްރީގެ ޚާއްސަ ޓީމެއް ވަނީ އެ ދެ ރަށަށް ޒިޔާރަތްކޮށް، ޓްރެކް ހިންގުމަށް ބޭނުންވާ އެންމެހައި މަޢުލޫމާތު ކައުންސިލްތަކާ ހިއްސާކޮށްފައެވެ. އަދި މި ޓްރެކް ހިންގުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
އައު ޓްރެކް ހުޅުވުމުން، އެ ސަރަޙައްދުގެ ރައްޔިތުންނަށް ލައިސަންސް ހޯދުމަށް މާލެ އަދި އެހެނިހެން ރަށްރަށަށް ކުރަންޖެހޭ ދަތުރުތަކަށް ކުރަންޖެހޭ ޚަރަދު ކުޑަވެ، އެކަމުގެ ތަކުލީފުން ސަލާމަތްވެގެންދާނެ ކަމަށާއި، މިއީ ސަރުކާރުން ލާމަރުކަޒީ އުސޫލުން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި ޓްރެކް ހުޅުވުމާއެކު އެ ދެ ރަށުގެ ރައްޔިތުންނަށް ‘އޭ’ ކެޓަގަރީގެ ޑްރައިވިންގ ލައިސަންސް ކާޑު ހޯދުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.
މި މަޝްރޫޢުގެ ދަށުން ވޭތުވެދިޔަ ޑިސެމްބަރު މަހު މ. ކޮޅުފުށީގައި ވެސް ވަނީ ލައިސަންސް ޓްރެކެއް ހުޅުވާފައެވެ.



