ފުލުހުން މިރޭ ހިންގަމުންދާ ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކުރެވުނު މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި ފުރަތަމަ ހައްޔަރުކޮށްފައިވަނީ ހުވަދުއަތޮޅަށް ނިސްބަތްވާ މީހެކެވެ. އަދި އޭނާ ދިރިއުޅޭ ތަނާއި އޭނާގެ ވެހިކަލެއް ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފައެވެ.
މި އޮޕަރޭޝަން ހުޅުމާލޭގައި ވެސް ކުރިއަށްދާއިރު، ހައްޔަރުކުރެވުނު ތިން މީހުންނަކީ ވެސް އެއް މައްސަލައަކާ ގުޅިގެން ހައްޔަރުކުރެވުނު ފަރާތްތަކެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ނަމަވެސް ހައްޔަރުކުރެވުނު އެއްވެސް ފަރާތެއްގެ މައުލޫމާތު މިވަގުތާ ހަމައަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޮޕަރޭޝަން ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހާމަކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.



