ށ. ފޯކައިދޫގައި އިސްލާމީ މަރުކަޒެއް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފިއެވެ. މި މަޝްރޫޢުގެ މުއްދަތަކީ 2 އަހަރާއި 5 މަހެވެ. މިއީ ސަރުކާރުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތް އެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން ބައެކެވެ.
ސަރުކާރުން ވަނީ ޖުމްލަ 11 ރަށެއްގައި މިސްކިތް އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މީގެ ތެރެއިން ފެނަކައިން އަޅާނީ 8 މިސްކިތެވެ. އަދި އެމްޓީސީސީން އަޅާނީ 3 މިސްކިތެވެ. ފެނަކައިން އަޅާ ހުރިހާ މިސްކިތަކީވެސް 500 މީހުންގެ ޖާގައިގެ މިސްކިތްތަކެކެވެ. މި މަޝްރޫޢުގެ ގިނަ މިސްކިތްތައް ނިންމުމަށް ކަނޑައަޅާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތެވެ.
މި މުހިންމު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އެމްޓީސީސީގެ އެމްޑީ އަޙްމަދު ސައުދީ އަދި ފެނަކައިގެ އެމްޑީ މުޙައްމަދު ނަޖާހެވެ.



