ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
މެޓް އޮފީހުން ހާމަކުރިގޮތުގައި ހޫނުގެ އިންޑެކްސް މަތިވުމުގެ ސަބަބުން މީހުންގެ ހަށިގަނޑަށް ތަހައްމަލު ކުރުމުގެ ގާބިލުކަން ގެއްލި، ޖިސްމާނީ ގޮތުން ދަތިތަކާ ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން، ހޫނުގެ އިންޑެކްސް މަތިވުމުގެ ސަބަބުން، ހަށިގަނޑުން ހޫނު ފިނިކުރުމަށް އެކަށީގެންވާ ވަރަށް ދާހިއްލުމުގެ ގާބިލުކަން ނެތުމުން، މޫސުމުގެ ހޫނުމިން ހުންނަ ވަރަށްވުރެ މަތިން ހޫނުގެ އިހުސާސް ކުރެވޭކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.
އާންމު ގޮތެއްގައި ދުވާލުގެ އެންމެ ހޫނު ވަގުތަކީ މެންދުރުފަހު 1 އާއި 2 އާ ދެމެދުގެ ވަގުތު ކަމަށް މެޓް އޮފީހުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް، ވިލާގަނޑުގެ ސަބަބުންނާއި އެހެނިހެން ކަންކަމުގެ ސަބަބުން މިކަން ތަފާތުވެދާނެ ކަމަށް ވެސް ވަނީ އިންޒާރު ދީފައެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަހަރު ތެރޭގައި ހޫނުމިނުގައި ކުދި ތަފާތުތަކެއް ހުރި ނަމަވެސް، އެންމެ ހޫނު މަހަކީ އޭޕްރިލް މަހެވެ. މާރިޗު މަހުގެ މެދުން ފެށިގެން އޭޕްރިލް މަހުގެ ނިޔަލަށް، މަތީ ޖައްވީ ހޫނުމިނާއި، މަތީ ތެތްކަމާއި، ވައި މަޑުވުމާއި، އުދަރެސް ސާފުވުމާއި، އިރުގެ ދޯދި ސީދާ މައްޗަށް އެޅުމުގެ ސަބަބުން ހޫނު އަދި ތެތް ވައި ހިފެހެއްޓިފައި ހުންނަ ކަމަށް މެޓް އޮފީހުން ވަނީ ފާހަގަކޮށްފައެވެ.



