ރަށްރަށުގައި ހުއްޓިފައިވާ ކުޅިވަރު ވަސީލަތްތަކުގެ މަޝްރޫޢުތައް ފުރިހަމަކުރުމުގެ ގޮތުން، ތިން ރަށެއްގައި ކުރަންހުރި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތްތަކުގެ ތެރޭގައި ކ. ދިއްފުށި އަދި ހއ. މުރައިދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކާއި، ށ. ބިލެއްފަހީގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރެއް އެޅުން ހިމެނެއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ރަށްރަށުގައި ނުނިމި ހުރި ކުޅިވަރުގެ މަޝްރޫޢުތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ހަވާލުކޮށްގެން ނިންމުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގޭ މަޝްރޫޢުތަކެކެވެ.
އެއްބަސްވުމުގެ ދަށުން ކ. ދިއްފުށީގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކަށް 1.2 މިލިއަން ރުފިޔާ ޚަރަދުކުރެވޭނެއެވެ. މި މަސައްކަތުގެ ތެރޭގައި ދަނޑުގެ ވަށާފާރު ރޭނުމާއި، ފެންސް ޖެހުމުގެ އިތުރުން ދަނޑު ބެލެހެއްޓުމަށް ބޭނުންވާ ޑްރޭގް ބްރަޝް މެޝިން ހޯދުން ހިމެނެއެވެ. މި މަސައްކަތްތައް 50 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެއެވެ.
ހއ. މުރައިދޫގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތަކަށް 1.5 މިލިއަން ރުފިޔާ ޚަރަދުކުރެވޭނެއެވެ. މި ރަށުގެ ދަނޑުގައިވެސް ވަށާފާރު ރާނައި، ފެންސް ޖަހައި، ޑްރޭގް ބްރަޝް މެޝިނާއި ބެންޗުތައް ބެހެއްޓޭނެއެވެ. މި މަސައްކަތްތައް 60 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.
އެންމެ ބޮޑު މަޝްރޫޢު ހިންގޭނީ ށ. ބިލެއްފަހީގައެވެ. މި ރަށުގައި ޤާއިމްކުރެވޭ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތަށް 4.6 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ. މި މަސައްކަތް ނިންމުމަށް ދެވިފައިވަނީ ހަ މަސްދުވަހުގެ މުއްދަތެކެވެ. .



