މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތުގައި ވަކިކުރުމުގެ މަރުހަލާ މަޖިލީހުން ފަށާފައިވަނިކޮށް، އެ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް ފޮނުވި އިސްތިއުފާގެ ސިޓީގައި ފަޒީން ވިދާޅުވެފައިވަނީ، ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާ އެކު ކޮމިޝަނުގެ މެންބަރުކަމުގެ ޒިންމާ އުފުލުމަކީ މި ވަގުތު ވެވެން ނެތް ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.
ފަޒީންގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުން ފެށިގެން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިޔައީ މައްސަލަ ބަލަމުންނެވެ. އަދި މި މަހުގެ ފަސްވަނަ ދުވަހު އެ ކޮމިޓީން ވަނީ ފަޒީން ވަކިކުރުމުގެ މަރުހަލާ ފެށުމަށް ފާސްކޮށްފައެވެ..
ބްރޯޑްކޮމްގެ މެންބަރަކަށް ފަޒީން އައްޔަންކޮށްފައިވަނީ 2021 ވަނަ އަހަރުގެ މާޗު މަހުގެ ހަތްވަނަ ދުވަހުއެވެ. އަދި އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އޭނާ އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.



