ދިގު މުއްދަތެއްގެ ބަލިމަޑުކަމަކަށްފަހު، މަޝްހޫރު މިސްރުގެ ސަލަފީ ޢިލްމުވެރިޔާ އަބޫ އިސްޙާޤު އަލް-ހުވައިނީ އަވަހާރަވެއްޖެއެވެ.
69 އަހަރުގައި އެ ޢިލްމުވެރިޔާ އަވަހާރަވެވަޑައިގެންފައިވާ ޚަބަރު އެ ބޭފުޅާގެ ދަރިކަލުން ޙާތިމް އަލް-ހުވައިނީ ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓެއްގައި އިޢުލާނު ކުރައްވާފައިވެއެވެ.
ޝައިޚް އަބޫ އިސްޙާޤު އަލް-ހުވައިނީ އުފަންވެވަޑައިގެންނެވީ 10 ޖޫން 1965 ގައި، މިސްރުގެ ކަފްރު އައް-ޝައިޚް ގަވަރނަރޭޓްގެ ހުވައިން ރަށުގައެވެ. އެ ބޭފުޅާއަކީ ޙަދީޘް ޢިލްމުގެ (ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކާއި ޢަމަލުފުޅުތައް) ދިރާސާކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅެއްގެ ގޮތުގައި މަޝްހޫރުވެވަޑައިގެންފައިވާ ބޭފުޅެކެވެ.
މިސްރުގެ އެންމެ އިސް ސުންނީ އިސްލާމީ މުއައްސަސާ ކަމުގައިވާ އަލް-އަޒްހަރު އައް-ޝަރީފުން ވަނީ ޝައިޚްގެ އަވަހާރަވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ. އަދި އިސްލާމީ ސުންނަތާއި އޭގެ ޢިލްމުތައް ދިރާސާކުރެއްވުމަށާއި ރައްކާތެރިކުރެއްވުމަށް އެ ބޭފުޅާ ކުރެއްވި މަސައްކަތްޕުޅުތަކަށް ޝުކުރުވެރިވެ ވަޑައިގެންފައިވެއެވެ.



