1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް ގޮވާމުގެ ބާވަތްތަކުން ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ. މިގޮތުން ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ 22 ރަމަޟާން 1446 (22 މާރިޗު 2025) އިން ފެށިގެން 27 ރަމަޟާން 1446 (27 މާރިޗު 2025) ގެ ނިޔަލަށެވެ.
ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭނީ އެބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ. މި އަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ބަލައިގަންނާނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ، ގޮދަން ފުށް އަދި އާޓާ ފުށެވެ.
މާލެ ސިޓީގައި ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސްކޫލުގެ ސަލާޙުއްދީން ހޯލުގައެވެ. ފިޠުރު ޒަކާތް ދެއްކުމަށް ވަޑައިގަންނަވާ ފަރާތްތަކުން ބޭނުންކުރަންވާނީ ކުރީގެ ދަރުމަވަންތަ ސްކޫލުގެ އަމީރު އަޙްމަދު މަގުގައިވާ މައި ގޭޓެވެ.
ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ މެންދުރުފަހު 1:00 އިން ހަވީރު 4:00 އަށެވެ. .



