އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޢުދުވާނީ ޙަމަލާތަކުގައި 400 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެއްޖެއެވެ. މި ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނެއެވެ.
އިސްރާއިލްގެ މި ލާއިންސާނީ ހަމަލާތަކާއި ގުޅިގެން އދ.ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ކަންބޮޑުވުންފާޅުކުރައްވާފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައިވަނީ މިއީ ހަމައެކަނި ފެށުން ކަމަށާއި، ދެ މަސް ދުވަހަށް ވުރެ ކުރު މުއްދަތަކަށް ހިނގި ހަނގުރާމަ ހުއްޓުމަކަށް އައި އެއްބަސްވުމާ ގުޅޭ އިތުރު މަޝްވަރާތައް ކުރިއަށްދާނީ ހަނގުރާމައިގެ ތެރެއިން ކަމަށެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުގެ ޙަމަލާތަކުގައި މިހާތަނަށް 48,577 ފަލަސްތީނުން ޝަހީދުވެފައިވާއިރު، 112,041 މީހުން ވަނީ ޒަޚަމްވެފައެވެ. އަދި ޣައްޒާގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި ޖުމްލަ މަރުވި މީހުންގެ އަދަދު 61,700 އަށް އަރައެވެ. މީގެ ތެރޭގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ތެރެއަށް ގެއްލިފައިވާ ހާސްތަކެއް މީހުން ހިމެނެއެވެ.
ޙަމާސްގެ ލީޑަރު އަލް-ޤާނޫޢު ވިދާޅުވެފައިވަނީ ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓުވުމަށާއި، 17 ދުވަސް ވެފައިވާ ބްލޮކޭޑް ނިމުމަކަށް ގެނައުމަށް ހުށަހެޅޭ ހުރިހާ ކަމަކަށް އެ ޙަރަކާތުން ޒިންމާދާރުކަމާއެކު އިޖާބަދެމުންދާ ކަމަށެވެ. ނަމަވެސް މިހާރު އިސްރާއީލުން އަލުން ފަށާފައިވާ ޙަމަލާތަކާ ގުޅިގެން ގިނަ އަދަދެއްގެ ފަލަސްތީނުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ފިލަން މަޖުބޫރުވެފައެވެ.



