މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކި ބާވަތުގެ 692 މައްސަލަ ފުލުހުންނަށް ހުށަހެޅި، 148 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، މި މުއްދަތުގައި އެންމެ ގިނައިން ހުށަހެޅުނީ ޓްރެފިކް މައްސަލަތަކެވެ. މިގޮތުން ޓްރެފިކާ ގުޅުންހުރި 153 މައްސަލަ ހުށަހެޅުނުއިރު، ވައްކަމުގެ 147 މައްސަލައާއި މަސްތުވާތަކެއްޗާ ގުޅުންހުރި 110 މައްސަލަ ވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެވިފައެވެ.
ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި އޮންލައިން މަކަރާއި ހީލަތުގެ (ސްކޭމް) 70 މައްސަލައާއި، މާރާމާރީގެ 40 މައްސަލަ ހިމެނެއެވެ. އަދި މުދަލަށް ގެއްލުން ދިނުމުގެ 48 މައްސަލައާއި، އިންޒާރުދިނުމާއި ބިރުދެއްކުމުގެ 38 މައްސަލަ ވެސް ވަނީ ރިޕޯޓުކުރެވިފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ކުޑަކުދިންނަށް އަނިޔާކުރުމުގެ 16 މައްސަލައާއި، ޖިންސީ ގޯނާގެ 15 މައްސަލަ ވަނީ ހުށަހެޅިފައެވެ. މީގެ އިތުރުން ހިޔާނާތުގެ 13 މައްސަލައާއި، ފޯޖަރީގެ 8 މައްސަލައާއި، ސައިބަރ ކުށުގެ 7 މައްސަލަ ވެސް ވަނީ ފުލުހުންނަށް ރިޕޯޓުކުރެވިފައެވެ.
ފުލުހުން ނެރުނު ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 69 މައްސަލަ ހުށަހެޅި، ދުވާލަކު އެވްރެޖްކޮށް 15 މީހުން ވަނީ އެކި މައްސަލަތަކުގައި ހައްޔަރުކުރެވިފައެވެ.



