ހައި ކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމާ ގުޅިގެން، ހައި ކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލްއާ މިއަދު ހަވާލުކޮށްފިއެވެ.
ހައި ކޯޓުން މިކަން އިއުލާންކުރަމުން ބުނެފައިވަނީ، ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމު ހުސްވުމާ ގުޅިގެން، ވަގުތީގޮތުން ކޯޓު ހިންގުމުގެ ޒިންމާ ފަނޑިޔާރު ފައިސަލްއާ ހަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންގާފައިވާ ކަމަށެވެ. ފަނޑިޔާރު ފައިސަލްއަކީ 2018 ވަނަ އަހަރުގެ ޖުލައި 24 ވަނަ ދުވަހު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ފަނޑިޔާރެކެވެ. އޭގެފަހުން އެމަނިކުފާނު ވަނީ ޖޭއެސްސީގެ މެންބަރުކަމާއި ނައިބު ރައީސްކަން ވެސް ފުރުއްވާފައެވެ.
ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވިފައިވަނީ، ފަނޑިޔާރު ހުސްނުއްސުއޫދު މި މަހުގެ 4 ވަނަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.



